Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 16:36
ހައި ކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް
ހައި ކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް
އަޒުމޫން އަހުމަދު
ޖޭއެސްސީ
ހައި ކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީން އިސްތިއުފާ ދެއްވައިފި!
ރައޫފް ވަނީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ހުށަހަޅައިފައި
ޖޭއެސްސީގައި އިންނަވާ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުގަށް ފަނޑިޔާރު ރައޫފް އިންތިހާބު ކޮށްފައިވަނީ 17 މެއި 2017 ގައި
ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ ފަނޑިޔާރު ހޮވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިހާބަކުން

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ހައި ކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް އިސްތިޢުފާ ދެއްވައުފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ވަނީ ޖޭއެސްސީގެ މެމްބަރުކަމުން ފަނޑިޔާރު ރައޫފް އިސްތިޢުފާގެ ސިޓީ ރައީސް އޮފީހަށް ފޮނުވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ޖޭއެސްސީގައި އިންނަވާ ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ފަނޑިޔާރު ރައޫފް އިންތިޚާބު ކޮށްފައިވަނީ 17 މެއި 2017 ގައެވެ. ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ ފަނޑިޔާރު ހޮވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިޚާބަކުންނެވެ. އިންތިޚާބުގައި ފަނޑިޔާރު ރައޫފާ ވާދަކުރެއްވީ އެ ކޯޓުގެ އެއިރުގެ އިސް ފަނޑިޔާރު ޢަބްދުﷲ ދީދީ އެވެ. ހައިކޯޓުގެ ހަތް ފަނޑިޔާރުންގެ މެދުގައި ނެގި ވޯޓް ރައޫފް ކާމިޔާބު ކުރެއްވީ އެއް ވޯޓުގެ ފަރަޤުންނެވެ.

Advertisement

ފަނޑިޔާރު ރައޫފް ޖޭއެސްސީއަށް ޢައްޔަންކުރައްވާފައި ވަނީ ޖޭއެސްސީގައި އެއިރު އިންނެވި ހައި ކޯޓުގެ ފަނޑިޔާރުގެ ދައުރު ހަމަވެ، އިތުރު ފަނޑިޔާރަކު ކަނޑަނޭޅި ހަތް މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ޖޭއެސްސީގެ ޤާނޫނުގައިވާ ގޮތުން އެ ކޮމިޝަނުގެ މެންބަރެއްގެ މަޤާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންޖެހެއެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން އެ ކޮމިޝަނަށް ޢައްޔަންކުރައްވާ ހައިކޯޓުގެ ފަނޑިޔާރަށް މެންބަރުކަމުގައި ހުންނެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ.

ޖޭއެސްސީގައި ތިއްބަވާނީ މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި، ބަންޑާރަ ނައިބާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ޢަންމުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް