މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން(ބްރޯޑްކޮމް) އަށް އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ތަޅުމަށްފޮނުވާ ލިސްޓުގެ ކުރީގައި މަރިޔަމް ވަހީދާ އާއެކު އާމިނަތު އަމީނާ(އަނާ) ހިމެނިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ލިސްޓުގެ ކުރީގައިވެސް ވަނީ ގ.ހިލްމަން މަރިޔަމް ވަހީދާ އާއި ލ.ކުނަހަންދޫ/ ހަނދުވަރީގޭ އާމިނަތު އަމީނާ(އަނާ) އެވެ. މިނަންތައް ދިރާސާކުރި ކޮމިޓީ ރިޕޯޓްގެ ތިން ވަނައިގައި ވަނީ ސ.ހިތަދޫ/ސެވެންސްޓަރ އާއިޝަތު ދިޔާނާ ތާހިރެވެ. ރައީސް ފޮނުއްވި ލިސްޓުގެ ތިންވަނައިގައި އޮތީ މ.ކަރޭޖު އިމްރާނާ ބިންތު އަބްދުﷲ އެވެ. ނަމަވެސް ކޮމިޓީން ތަޅުމަށް ފޮނުވާ ލިސްޓަކު އެނަމެއް ނެތެވެ.
ބްރޯޑްކޮމް އަށް މެމްބަރަކު މިއައްޔަނުކުރަނީ އެކޮމިޝަނުން ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމުންނެވެ. އެހެންކަމުން ތަޅުމަށްފޮނުވާފައިވާ ލިސްޓުގެ ތަރުތީބުން ފުރަތަމަ ނަމަށް ވޯޓަށް އަހާ އެނަން ފާސްވެއްޖެނަމަ ދެން ހުރި ނަންތަކަކަށް ވޯޓަކަށް ނާހާނެ އެވެ.
މީގެއިތުރުން ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސާ ފާތުމަތު ޒައިނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު ކުރިމަތިލި 3 ފަރާތުގެ ނަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ނެގުނު ވޯޓުގައި އެއިން އެއްވެސް ފަރާތަކަށް ކޮމިޓީގެ އަޣްލަބިއްޔަތެއް ލިބިފައެއް ނުވެއެވެ.
އެމަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ލިސްޓުގައި ވަނީ މ.ކަރޭޖް އިމްރާނާ ބިންތު އަބްދުﷲ އާއި މއ.ބޮޑުމަގުގެ ހަސަން އިރުފާނާއި މ.ކަފިޔާވިލު އިބްރާހީމް ޝިޔާމެވެ. ކޮމިޓީ ރިޕޯޓްގައި ވަނީ ރައީސް ފޮނުއްވި ލިސްޓުގައިވާ ނަންތަކުގެ ތެރެއިން އެއްވެސް ނަމަކަށް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓުދެއްވި މެމްބަރުންގެ އަޣްލަބިއްޔަތުކަމަށްވާ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓު ލިބިފައިނުވާކަމަށެވެ. އެހެންކަމުން އެ މަގާމަށް މެމްބަރަކު އައްޔަނުކުރުމަށް އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސްއަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ވަނީ ކޮމިޓީން ފާސްކޮށްފަ އެވެ.