ގެއްލިފައިވާ ހައްޤުތަކާއި މުދާ އަނބުރާ ހޯދުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެންނޫން ގޮތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު އަދަލުއިންސާފު ގާއިމުކުރުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެންނޫން ގޮތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
ހޯމް މިނިސްޓަރ މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރ ކުރުމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާއިރު 77 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސް ދުވަސް ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފަ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ބުނެ އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަަކުން ދައުލަތުން 3.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ. އަދި ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ އަދަދު 267 އަށް އަރަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަމުންދާއިރު އެކަމުގައި ޝާމިލްވާ މީހުންނަށް ފިޔަވަޅު ނޭޅި ލަސްވެގެންދާ ދިޔުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.