މަނި ލޯންޑާރ ކުރި ކަމުގެ ކުށް ސާބިތުވެ 5 އަހަރުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފިޒުކުރައްވަމުން ގެންދަވަނީ ސްޕެޝަލް ޕްރޮޓެކްޝަންގެ ދަށުން މާލޭ ޖަލުގައިކަމަށް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުމަށް ވަގުތީ ގޮތުން ހުންނެވީ މާލޭ ޖަލުގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެހެން ޖަލަކަށް ގެންދިޔުމުގެ ކުރިން ހުރިހާ ގައިދީންނާއި މެދުވެސް، އަމަލުކުރާ އުސޫލެވެ.
ރައީސް ޔާމީނަކީ ސިޔާސީ ޝަހުސިއްޔަތަކަށް ވެފައި އަދި ގައުމުގެ ކުރީގެ ރައީސަކަށް ވުމާއެކު ވަކި ތަނެއްގައި ބެހެއްޓިފައިވޭތޯ ސުވާލުކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީނަށް ސްޕެޝަލް ޕްރޮޓެކްޝަނެއް ހުކުމް ތަންފީޒުކުރަމުން ދާއިރު މާލޭ ޖަލުގައި ކަރެކްޝަންސްގެ ފަރާތުން ދެމުންއަންނަ ކަމަށާއި ހައްޔަރުކުރެވިފައިވާ ތަނުގެ ހާލަތު އަދި ހާމަކުރެވެން ނެތްކަމަށެވެ. އެ މައުލޫމާތު ފަހުން ހިއްސާކުރައްވާނެކަމަށާއި އެހެން ޖަލަކަށް އެމަނިކުފާނު ބަދަލުކުރަންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަންވެސް ކުރާނެކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީގެ ކުރިން ސިޔާސީން ހައްޔަރީން ގެންދިޔުމަށް ފަހު ބައިތިއްބާފައިވަނީ، މާފުށީ ޖަލުގައި ހަދާފައި ހުރި ހާއްސަ ގޮޅިތަކެއްގައެވެ. މި ގޮޅިތަކަކީ ރައީސް ޔާމީންގެ ދައުރުގައި އިމާރާތްކޮށްފައިވާ ގޮޅިތަކެކެވެ. ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައީސް ޔާމީން ހައްޔަރުކޮށްގެން ގެންދިޔަ އިރުވެސް، ބަހައްޓާފައިވަނީ މިއިން ގޮޅިއެއްގައެވެ.