ރާއްޖޭގެ އުތުރުގެ 4 ރަށެއްގެ އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވަނީ ރާއްޖޭގެ އުތުރުގެ 4 ރަށެއްގެ އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގާ އަޅާފައެވެ. އެގޮތުން ބުރާސްފަތި ދުވަހު ވަނީ ހދ ފިނޭގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގާ އަޅާފައެވެ. އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ އިތުރުން ހދ. ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދެވެ.
ފިނޭ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން އާއި 5249479.62 ރުފިޔާ އަށެވެ. މި ޕްރޮޖެކްޓް ގައި އެލް.އެފް ކޮންސްޓްރަކްޝަން އާއި އެކު ސޮއިކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހަށް ނިންމާ ގޮތަށެވެ.
ހދ ފިނޭގެ އިތުރުން ހުކުރު ދުވަހު ވަނީ ހއ އުލިގަމުގެ އިތުރުން ށ. ނަރުދޫ އިންޖީނުގޭގެ ބިންގާ އަޅާފައެވެ. އުލިގައުމުގައި އަލަށް އިމާތް ކުރާ މި އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރެޝަނުން ހަވާލު ކޮށްފައިވަނީ 2 އެލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް 170 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 5.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ށ. ނަރުދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ އިތުރުން ނަރުދޫ ކައުންސިލްގެ ރައީސެވެ.
ނަރުދޫގެ އިތުރުން ފެނަކައިން ވަނީ ށ. ފޯކައިދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގާ އަޅާފައެވެ. މި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ އިތުރުން ފޯކައިދޫ ކައުންސިލްގެ ރައީސެވެ.
ށ. ފޯކައިދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓަރަކްޝަންއާއި އެވެ. މިމަޝްރޫއު ވަލީދު ކޮންސްޓްރަކްޝަނާ ހަވާލުކުރީ 5،660،951.96 (ފަސްމިލިއަން ހަލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ ފަންސާސް އެއްރުފިޔާ ނުވަދިހަ ހަ ލާރި) އަށް، އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހަށް ނިންމާ ގޮތަށެވެ.
ރާއްޖޭގެ އުތުރުގެ 4 ރަށެއްގެ އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅާފައިވާއިރު ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އަމާޒަކީ އަލަށް އިމާރާތް ކުރެވޭ 30 އިންޖީނުގެއެއްގެ ބިންގާ އެޅުން ކަމަށެވެ.