ރައީސް ސޯލިހުގެ ސަރުކާރުގެ ވިސްނުމަކީ ކުޑަ އާބާދީއެއްތޯ ނުވަތަ ބޮޑު އާބާދީއެއްތޯ ބެލުމެއްނެތި އެއްވެސް ރަށެއް އިސްތިސްނުވާގޮތަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ވީހާވެސް އަވަހަކަށް ފުރިހަމަކުރުންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ހއ.އުލިގަމު އަލަށް އިމާރާތްކުރެވޭ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މި ސަރުކާރަކީ، ރައްޔިތުންނާއި ވަރަށް ގާތުން ރައްޔިތުންގެ އިހްސާސްތަކާއެއްގޮތަށް ހިދުމަތް ދޭން އައި ސަރުކާރެއްކަމަށެވެ.
އަޅުގަނޑުމެންނަކީ ރައްޔިތުންނާއި ވަރަށް ގާތުން ރައްޔިތުންގެ އިހްސާސްތަކާ އެއްކޮށް ހިދުމަތް ދޭން އައި ސަރުކާރެއް. އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ވިސްނުމަކީވެސް ވަކި ކުލަޔަކަށް ވަކި އާބާދީއަކަށް ނުބަލައި އެ ރަށެއްގެ ރައްޔިތުންގެ އިހްސާސްތަކާއި އެއްކޮށް މި ހިދުމަތް ފުޅާކޮށް ތަރައްގީކުރުން. އެމަނިކުފާނުގެ ވިސްނުންފުޅަކީ ރައްޔިތުންގެ އަސާސި ހިދުމަތްތަށް ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރިހަމަކުރުން.ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ހަފްލާގައި ވާހަކަދައްކަވަމުން ސައީދު އިތުރަށް ވިދާޅުވީ ރައީސްގެ ވައުދުފުޅު ފުރިހަމަކުރަން ފެނަކަ ކޯޕަރޭޝަންގެ މަސްއޫލިއްޔަތަކީ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުންކަމަށާއި އެ މަސައްކަތް ކާމިޔާބުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ރެޔާއި ދުވާލު މަސައްކަތް ކުރަމުންގެންދާކަމަށެވެ.
އުލިގައުމުގެ ރައްޔިތުންނާއި މުހާތަބްކުރައްވާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އުލިގަމުގެ އިންޖީނުގެއާއި ބޭހޭ ތަފްސީލުތަށް ސަމާލުކަމަށް ގެނެވުނު ހިސާބުން ފެށިގެން ދާއިރާގެ މެމްބަރު އަރިހުގައި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތް ހޯދުމަށް އެދިފައިވާނެކަމަށާއި ބިންގާ އެޅިގެން މިދިޔައީ ރައްޔިތުންގެ މަޝްވަރާއާއެކު، ރައްޔިތުން ބޭނުންވާ ތަނެއްގައިކަމަށެވެ.
އުލިގަމުގެ އިންޖީނުގެއާއި ބެހޭގޮތުން އަޅުގަނޑުގެ ސަމާލުކަމަށް އައި ދުވަހު އަޅުގަނޑު އުލިގަމުގެ ކައުންސިލްގެ އެދުނިން ތިބޭފުޅުން ބޭނުންވާ ގޮތަކީ ކޮބައިތޯ، ތިބޭފުޅުން ބޭނުންވާ ތަނަކީ ކޮބައިތޯ. ތިބޭފުޅުން ބޭނުންވި ތަނެއްގައި ތިބޭފުޅުން ބޭނުންވި ގޮތަކަށް އެކަން ކުރުމުގެ އިރުޝާދު އަޅުގަނޑަށް ލިބިފައިވާތީ އެކަން ކުރިޔަށް ގެންގޮސްދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން.ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
މި ބިންގާ އެޅުނު އިންޖީނުގެ ރައްޔިތުން ދިރިއުޅޭ ހިސާބާއި ކިތަންމެ ދުރުގައި އިމާރާތް ކުރެވިފައި ހުރި ނަމަވެސް އޮފީހަށް އަންނަން ޖެހޭ މާބޮޑު ބޭނުމެއް ނޯންނާނެ ކަން ފާހަގަކޮށް ސައީދު ވިދާޅުވީ، ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ގޭތެރޭ ތިބެގެން ކަރަންޓް ބިލް ދެއްކުމުގެ ނިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. މީގެއިތުރުން މިފެށޭ އަހަރުގެ ޖެނުއަރީ މަހުގައި ލިބޭ ބިލަކީ، ގޭ ދޮރުމަތީ ހުރެގެން ޕްރިންޓް ކުރެވިގެން ނުކުންނަ ކުޑަކުޑަ ބިލަކަށް ވެގެންދާނެ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
އުލިގައުމުގައި އަލަށް އިމާތް ކުރާ މި އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރެޝަނުން ހަވާލު ކޮށްފައިވަނީ 2 އެލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް 170 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 5.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.