ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 13:58
ހާރަޖީ ވަޒީރު އަބްދުﷲ ޝާހިދު
ހާރަޖީ ވަޒީރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ޝެންގެން ވިސާ
މިނިސްޓަރ ޝާހިދުގެ ފިންލެންޑް ދަތުރުފުޅުން ޝެންގެން ވިސާގެ އާ އުއްމީދެއް!
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިހާރު ހުންނެވީ ފިންލެންޑުގައި
ވިސާގެ އިތުރުން މަސް އެކްސްޕޯޓްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރަންވެސް ހަމަޖެހިފައިވޭ
ފިންލެންޑަކީ މިވަގުތު އީޔޫ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުންދާ ގައުމު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިވަގުތު ފިންލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅިގެން ބައެއް މީހުން އުފައްދާ ސުވާލަކީ އެހާ ދުރުގައި އޮތް ޤައުމަކަށް ޝާހިދު ވަޑައިގަތީ ކީއްކުރައްވަންތޯއެވެ؟ ފިނިމޫސުމުގައި ޔޫރަޕުގެ ފިނިހޫނުމިން ސުން ޑިގްރީއަށްވުރެ ދަށަށް ވެއްޓިފައިވަނިކޮށް އުތުރު ތަނޑިއަށް ޝާހިދު ވަޑައިގެންނެވި ސަބަބު ފޮރިން މިނިސްޓްރީން އެކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނުން އެނގެން އެބައޮތެވެ. ސިޔާސީ ވާދަވެރިންނަށް އެކަން ހަޖަމުކުރަން އުނދަގޫ ވެދާނެއެވެ.

ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައިވެސް ފާހަގަކޮށްފައިވާ ފަދައިން ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު މިވަގުތު ބަލަހައްޓަމުން ގެންދަނީ ފިންލެންޑުންނެވެ. އަދި ޝާހިދުގެ މި ދަތުރުގައި، ޔޫރަޕަށް ދިޔުމަށް ބޭނުންވާ ޝެންގެން ވިސާއާއި ބެހޭ ގޮތުންނާއި، ދިވެހި ކަނޑުމަހަށް ޔޫރަޕުން ނަގާ ޑިއުޓީއާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުތަކާއި، އެމިނިސްޓްރީން މިއަހަރު ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ދިވެހިންނަށް ވިސާ ނެތި ޤައުމުތަކަށް ދަތުރުކުރުމުގެ މަގުފަހި ކުރުމަކީ ޝާހިދު އެންމެ އިސްކަމެއް ދެއްވާ އެއް ކަންތައްކަން އެނގިގެންދެއެވެ. އެހެންކަމުން ޝެންގެން ވިސާ ދިވެހިންނަށް ފަސޭހައިން ލިބޭ ގޮތެއް ހެދުމަށް، ނުވަތަ ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމިނިސްޓްރީން ކުރަމުންދާކަން މަސައްކަތް ފާހަގަކޮށްލެވެއެވެ.

ފިންލެންޑަކީ މިވަގުތު އީޔޫ ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުން، އެޤައުމަށް ދަތުރުކޮށް، އެޤައުމުގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާކުރެއްވުމުން، މުޅި ޔޫރަޕަށް ދޭން ބޭނުންވާ މެސެޖު ޝާހިދަށް ދެއްވޭނެއެވެ. ފާހަގަކޮށްލަން ޖެހޭ އަނެއްކަމަކީ މީގެ ކުރިން ރިޔާސަތާއި ޙަވާލުވި ރޮމޭނިއާއަށްވެސް ޝާހިދު ވަޑައިގެން، ހަމަ މިމަޝްވަރާތައް ކުރެއްވިކަމެވެ. މަޝްވަރާތަކަށް ކުރިއެރުންތަކެއް އަންނަކަން އީޔޫގެ ޚާރިޖީ ސިޔާސަތާއި ބެހޭ އެންމެ އިސް ވެރިޔެއްގެ ގޮތުގައި ދާދި ފަހަކާއި ޖެހެންދެން ހުންނެވި ފެޑްރީޝީއާ މޮޣަރިނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުން ފެނިގެން ދިޔައެވެ. ޝާހިދުގެ ޕްލޭނަކީ އީޔޫގެ ހުރިހާ ޤައުމަކަށް ލޮބީކުރުމުގެ ގޮތުން ރިޔާސަތު ބަލަހައްޓާ ޤައުމާއި ޑީލްކުރުން ކަމުގައިވާނަމަ، އެއީ ޚަރަދު ކުޑަ، ކާމިޔާބު ސިޔާސަތަކަށް ވާނެއެވެ. އިދިކޮޅު ފަރާތްތަކުގެ ތެރޭގައިވެސް ޚާރިޖީ ސިޔާސަތު ދަންނަ މީހުން ތިބޭތީވެ، ކަން ހިނގާ މަގު އެނގޭތީ އެކަން ހަޖަމުނުކުރެވިގެން އުޅޭ މަންޒަރުވެސް ފެނެއެވެ. ޚާރިޖިއްޔާގެ ޓްރެންޑް ދަމަހައްޓާނަމަ އަންނަ އަހަރު ކްރޮއޭޝިއާއަށް ޝާހިދު ވަޑައިގަތުން ގާތެވެ. ސަބަބަކީ ދެން ރިޔާސަތާއި ޙަވާލުވާނީ ކްރޮއޭޝިއާ ކަމަށްވާތީއެވެ.

އަޅުގަނޑުމެން ދިވެހިން ވިސާއާއި ނުލައި ދަތުރުކުރުމަށް ބޭނުންވެއެވެ. އެހެންނަމަވެސް އެކަމަށް މަގުފަހިކުރަން ކުރަން ޖެހޭ މަސައްކަތް ޝާހިދު ކުރަން ބަޔަކު މީހުން ނުރުހެނީ ކީއްވެގެންތޯއެވެ؟ ޔޫރަޕުގެ ޚާރިޖީ ސިޔާސަތާއި ބެހޭ ވެރިޔާ މޮޣަރިނީ ރާއްޖެއަށް ވަޑައިގެންނެވި ފަހަރު ޝެންގެން ވިސާ ހިލޭ ދޫކުރަންވީ ނޫންހޭ ބުނެ ޓްވީޓްކުރި މީހަކު، ޝާހިދު ފިންލެންޑަށް ވަޑައިގަތުމުން އެކަމާ ހިތްހަމަނުޖެހި ޓްވީޓްކުރިތަން ފެނުނެވެ. ޙަޤީޤަތުވެސް އެމީހާ ޝެންގެން ވިސާ ދިވެހިންނަށް ލިބެން ބޭނުންތޯ އެހިސާބުން ސުވާލު އުފެދެއެވެ. ނުވަތަ ކުރާނެ ކަމެއް ނެތިގެން ހަމަ ޓްވީޓް ކުރަނީބާއެވެ؟

ފިންލެންޑަށް ޝާހިދު ކުރައްވާ ދަތުރުފުޅުގައި އެޤައުމުގެ ޚާރިޖީ ވަޒީރުގެ އިތުރުން ތަޢުލީމާއި ބެހޭ ވަޒީރާވެސް ބައްދަލުކުރައްވާނެކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފައެވެ. ރާއްޖޭގައި މިހާރު ފިންލެންޑުގެ އިންޓަނޭޝަނަލް ސްކޫލެއް ހިންގާއިރު، އެޤައުމުގެ ތަޢުލީމީ ނިޒާމަކީ ދުނިޔޭގެ ނިޞްބަތުން ފާހަގަކޮށްލެއްވޭ ނިޒާމެކެވެ. އޭގެ ސަބަބުން ދިވެހިންނަށް ކުރާނެ ކިތަންމެ ފައިދާއެއް އޮންނާނެއެވެ. އަދި މި ދަތުރުފުޅުގައި ޝާހިދުގެ އަރިހުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު، އެޤައުމުގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. މިހިރީ ހައްތާހާވެސް ދިވެހިންނަށް ފައިދާހުރި ކަންކަމެވެ.

- ކޮމެންޓް
28 ނޮވެންބަރ 2019 | ބުރާސްފަތި 14:17
ނާޝް
ކީއްވެތޯ ދިވެހިރާއްޖޭގެ އަވަށްޓެރި ޤައުމު ތަކުގެ ވިސާ ދިވެހިން އަށް ހޯއްދަވައި ދެއްވަން ފޮރިން މިނިސްޓަރ ޝާހިދު ނޫޅުއްވަނީ ( ލަންކާ، އިންޑިޔާ، މެލޭޝިޔާ) މި ތިން ގައުމައް ވަރަށް ގިނަ ދިވެހިން ދަތުރު ކުރޭ އަދި ވިސާ ހޯދަން އުޅެން ޖެހެނީ ވަރަށް ހާލުގަ ޙާއްސަކޮައް ލަންކާ މިކަން ހަަައްލު ކޮއްދެއްވުން މާ އާލާކަން ބޮޑު. ނޫންތޯ،