އިމްޕޯޓުކުރާ މުދަލުގެ ފްރައިޓް ކޮންޓްރޯލް ކުރުމަށާއި ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ޝިޕިން ލައިނެއް އުފެއްދުމަށް ގޮވާލާ ޤަރާރު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފިއެވެ. ގަރާރު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށެވެ.
މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހުށަހެޅި މި ޤަރާރު ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.
މެމްބަރު ހުށަހެޅުއްވި ޤަރާރުގައި ވަނީ އުޅަނދުފަހަރު ގިނަވެ، އެކްސިޑެންޓުތައް ގިނަވަމުންދާ މައްސަލަ ފާހަގަކުރައްވާ، އުޅަނދުފަހަރުތަކުގެ ސަލާމަތީ ސާރވޭކުރުމުގައި ހަރަކާތްތެރިވާ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގެ މުވައްޒަފުންގެ ޢަދަދު މަދުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މާލެ ފިޔަވައި އެހެން ރަށްރަށުގައި އެ ސާރވޭ ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ އެ ރަށްރަށުގެ ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންކަމަށްވާއިރު، އެ ފަދަ ފަރާތްތަކަކީ ކަމާބެހޭ ފަންނީ އިލްމު ހުރިބައެއްގެ ގޮތުގައި ނުދެކެވޭ ކަމަށްވެސް ޤަރާރުގައިވެއެވެ.
މި ޤަރާރުގައި ދިވެހި ސީޑީސީ ނުވަތަ "ސީމޭންސް ބުކް" ނުވަތަ "ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓް" އިންޓަނޭޝަނަލް ލޭބަރ އޯރަގަނައިޒޭޝަން (އައިއެލްއޯ)ގެ މިންގަނޑުތަކަށް ފެތޭ ފޮތަކަށް ނުވެފައި އެ ފޮތުގެ ވެރިފަރާތަކީ "ސީމޭން" އެއްކަން ދެނެގަންނާނެ އެއްވެސް ސެކިއުރިޓީ ފީޗަރ އެއް ނުހުންނަ ކަމަށް ވެއެވެ. އެ ކަމަކީ ބޯޑަރ ކޮންޓްރޯލްކުރާ ފަރާތްތަކަށް 11 ސެޕްޓެމްބަރު 2000 އިން ފެށިގެން ސީރިއަސް ސެކިއުރިޓީ މައްސަލައަކަށް ވެފައިވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ސީމަނުންނަށް ބައެއް ޤައުމުތަކަށް ފެތޭގޮތް ނުވެ، ޖޫރިމަނާތައް ކުރިމަތިވަމުންދާ ކަމަށް ވެސް ވެއެވެ. މީގެއިތުރުން އެ ފަރާތްތަކަށް ވަޒީފާ ހޯދުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް މެރިޓައިމް އިންޑަސްޓްރީން ފާހަގަކޮށްފައިވާ ކަމަށް ޤަރާރުގައިވެއެވެ.
މީގެއިތުރުން، ދިވެހި ރާއްޖެއަކީ ކަނޑުގެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ޤައުމަކަށް ވެފައި، ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީ ކުރިއެރުވުމަށްޓަކާ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ ރީސްޓްރަކްޗަރ ކޮށް، ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭ ފަދަ ތަނަކަށް އެ އޮތޯރިޓީ ހެދުން މުހިއްމު ކަމަށެވެ. އަދި ސީމަނުންގެ މެޑިކަލް އަށް ބޭނުންވާ ބައެއް ޓެސްޓުތައް ގިނަ ފަހަރަށް ރާއްޖޭގައި ހެދެންނެތުމުގެ ސަބަބުން މެޑިކަލް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ދާން ޖެހުމަކީ އެބޭފުޅުންގެ ކަންބޮޑުވުމެެއްގެ ގޮތުގައި ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.
މި ޤަރާރުގައި ވަނީ ރާއްޖެއާއި އެކުވެރި ޤައުމުތަކުގެ އެހީގެ ދަށުން ނުވަތަ ސަރުކާރުގެ ލޯން ސްކީމެއްގެ ދަށުން ދެ ޖިންސުގެ ޒުވާނުން ތަމްރީންކޮށް އަދި ތަޖުރިބާ ހޯދުމަށް އެކްސްޕީރިއެންސް ޕްރޮގްރާމުތައް ފަހި ކުރުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގައި ހިންގާ ލޮޖިސްޓިކް އަދި ޝިޕިންގް ކުންފުނިތަކުގައި އިސް މަޤާމުތަކުގައި ގިނަ އަދަދަކަށް ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމު ކުރުމަށާއި މާޗަންޓް ޝިޕިންގް ޤާނޫނެއް އެކުލަވާލުމަށް ވެސް ޤަރާރުގައި ގޮވާލައެވެ.