Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 17:14
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ގާނޫނުއަސާސީއަށް ގެންނަ އިސްލާހު
ކައުންސިލްތަކާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މިހާރު ގާނޫނުއަސާސީގައި ކައުންސިލްތަކުގެ އުމުރަކީ ތިން އަހަރު
ފަސް އަހަރަށް ބަދަލުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެއް
މަޖިލީހުން އެބިލް ފާސްވާނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރުމަށާއި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތާގުޅޭ ގޮތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމެޓީން ފާސްކޮށްފި އެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށްފަހު، މުޅި މަޖިލިސް ވަނީ ކޮމެޓީއަކަށް ގޮސްފަ އެވެ. އެކޮމެޓީގެ ބައްދަލުވުމުގައި އެބިލް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމެޓީގެ ސަބް ކޮމެޓީން ދިރާސާކުރި ރިޕޯޓަށް ބައެއް މެމްބަރުން ހިޔާލު ފާޅުކުރައްވާ، ބައެއް އިސްލާހުތައް ހުށަހެޅުއްވި ނަމަވެސް، މަޖިލީހުގެ ރައީސް ވިދާޅުވީ، ފުރަތަމަ، ސަބް ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓާމެދު މުޅި މަޖިލީހުގެ ކޮމެޓީއަށް ފެނިވަޑައިގަންނަވާ ގޮތަށް ވޯޓަށް އެހުމަށްފަހު، އެރިޕޯޓް މަޖިލީހުގެ ތަޅުމަށް އެޖެންޑާ ކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއަށް އެ ރިޕޯޓް އެޖެންޑާ ކުރެއްވުމުން އިސްލާހު ހުށަހެޅުމުގެ ފުރުސަތު މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށާއި، އިސްލާހުތަކަށް ވޯޓަށްވެސް އެހޭނެ ކަމަށެވެ. އޭގެފަހުން ފާސްވާ އިސްލާހުތަކާއެކު، ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް އެހޭނެ ކަމަށެވެ.

ސަބް ކޮމެޓީގެ އެރިޕޯޓް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައިވަނީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުން ތެރެއިން 30 މެމްބަރުން އިއްތިފާގުން ނެވެ. އެރިޕޯޓާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ މިހާރުގެ ދައުރަކީ ތިން އަހަރު ދުވަހެވެ. ތިން އަހަރުގެ ދައުރަކީ ކައުންސިލްތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރުމަށާއި ގާބިލް މީހުން ކައުންސިލްތަކަށް ކުރިމަތި ލުމަށް އޮތް ހުރަހެއް ކަމަށްދެކި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަރާތުން ވަނީ ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އެބަދަލު ގެނައުމަށް ހުށަހަޅާފަ އެވެ.

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރު ކުރުމަށް ކޮމެޓީން ނިންމައި، މަޖިލީހުގައި އެމަސައްކަތް ކުރަމުންދާއިރު، މިއީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

Advertisement

ގާނޫނުއަސާސީއަށް ގެންނަން އިސްލާހަކަށް ވާތީ، އެބިލް ދިރާސާކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީން ހޮއްވެވި، 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ނެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެބިލްގެ މައިގަނޑު ބޭނުމަކީ، ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރު ކުރުމާއި، ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންނަކީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރެވޭ ބައެއްކަމުގައި ހަމަޖެއްސުމަށްޓަކައި ހުށަހެޅުނު އިސްލާހެކެވެ. އެބިލްގައިވާގޮތުން، އަތޮޅު ކައުންސިލްގައި ހިމެނެނީ، މުޅި އަތޮޅުން އިންތިހާބު ކުރެވޭ އަތޮޅު ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެއްގެ އިތުރުން، ކައުންސިލްތަކުގެ އިންތިހާބު ކުރާ އެ ކައުންސިލްތަކުގެ ރައީސުންނެވެ.

މުޅި މަޖިލީހުގެ ވަގުތީ ކޮމެޓީން އެގޮތަށް ފާސްވިނަމަވެސް އެބިލް މަޖިލީހުން ފާސްވެ، ގާނޫނުއަސާސީއަށް އެބަދަލު ގެނެވޭނީ، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގު ކުރެއްވުމުން ނެވެ. އެބިލް ރައްޔިތުންގެ މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން، އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންމެ ކައުންސިލެއްވެސް އިންތިޚާބުކުރާނީ ފަސްއަހަރު ދުވަހުގެ މުއްދަތަކަށެވެ.

ގާނޫނުއަސާސީއަށް ގެނެވޭ މިބަދަލާއެކު، ރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ ދައުރާއި ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރު ފަސް އަހަރު ދުވަހުގެ މުއްދަތު އެއްގޮތް ކުރެވިގެންދާނެ އެވެ.

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރު ކުރުމަށް ގާނޫނުއަސަސީއަށް ބަދަލު ގެންނައިރު، ލާމަރުކަޒީ ގާނޫނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅާފަ އެވެ. އެބިލްގެ މަސައްކަތް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން މިހާރު ވަނީ ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް