ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރު ޣަނީ ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ން ފޮނުވާފައިވާ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެ.
މާދަމާގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިތަނަށް ފޮނުވާފައިވާ މައްސަލަ ރިޔާސަތުން އިރާދަކުރެއްވިއްޔާ އިއުލާން ކުރެވޭނެރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ފަނޑިޔާރު ޣަނީ މަޤާމުން ވަކި ކުރަން ނިންމައި ޖޭއެސްސީން ވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ޣަނީ ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު ޖޭއެސްސީން އަންނަނީ ފަނޑިޔާރު ޣަނީގެ ސުލޫކީ ތިން މައްސަލަ އެއް ބަލަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، ފަނޑިޔާރު ޣަނީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބަދަލުވީކަަމަށެވެ. މީގެކުރިން ރައްޔިތުންގެ މަޖިލީހުން ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކޮށްފައެވެ. މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު ޢަބްދުﷲ ދީދީ ވެސް ވަނީ މަޤާމުން ވަކިކޮށްފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ހަމައެކަނި ފަނޑިޔާރުން ބަދަލުވުމުން ޝަރުޢީ ނިޒާމު އިޞްލާޙުވެދާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ފަނޑިޔާރު ޢަބްދުﷲ އަރީފް ވަނީ އަމިއްލަފުޅު އިސްތިޢުފާ ދެއްވާފައެވެ. އެހެންކަމުން މިހާރު ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުމަށް ޙަވާލުކޮށްފައިވަނީ ޑރ. އަޒްމިރަލްދާ ޒާހިރަށެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެކޯޓަށް ޢައްޔަނުކުރުމަށް ފާސްކުރި ތިން ފަނޑިޔާރުންނެވެ. އެއީ ޑރ އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ.