ހައްދުފަހަނައަޅާ ދިޔުމާއި ދީނީ ހަރުކަށި ފިކުރުގެ މީހުން ފުލުހުންގެ ތެރޭގައި ފާހަގަކުރެވިގެން ނޫޅޭކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވަނީ ފުލުހުންގެ ތެރޭގައި ހައްދުފަހަނައަޅާ ދިޔުމާއި ދީނީ ހަރުކަށި ފިކުރު އޮތްތޯ އާއި އެކަން ހުއްޓުވުމަށް ފުލުހުން ފެއިލްވެފައިވޭތޯ ތަކުރާރުކޮށް އައްސަވާފައެވެ. މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބިތޯ ބެލުމުގެ މަސައްކަތް އަބަދުވެސް ކުރުމަށް ފުލުހުންގެ އިސްވެރިންނަށް އަބަދުވެސް ހަނދާންކޮށްދެމުން ދާކަމަށެވެ. އަދި އެފަދަ ބަޔަކު އުޅޭނަމަ އެކަމަށް ޖާގަ ނުދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަޅުގަނޑު ގަބޫލެއްނުކުރަން މުއައްސަސާތަކުގެ ތެރޭގައި ހަރުކަށި ފިކުރަށް ނުވަތަ ހަރުކަށި ފިކުރުތަކާ ގުޅުން ހުރި ޖަމާއަތްތަކަށް ހިތްވަރުދޭނެ ބަޔަކު ތިބެގެން ފިޔަވަޅު ނޭޅޭ ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ އެ މައްސަލަތައް ރަނގަޅަށް ބެލި ތަހުގީގުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުން ގެންދާކަމަށް. އަދި އަޅުގަނޑު އިސްވެހުރެވެސް ކުރަމުން ގެންދާކަމަށް. އެހެންނަމަވެސް ކުރިން ދެންނެވިހެން ކޮމިޝަނުން ނެރުއްވި ރިޕޯޓުން ފިޔަވަޅު އަޅާނެ ބޭފުޅަކު ކޮމިޝަނުން ވިދާޅުވަމުން އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން އެކަމާ ވިސްނަންޖެހޭ.ހޯމް މިނިސްޓަރ އައްޝެއިހް އިމްރާން އަބްދުﷲ
މިނިސްޓަރ ވިދާޅުވީ ޓެރަރިޒަމާއި ގުޅުންހުރި ކަންކަން ރާއްޖޭގައި 2007 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަކަަމަށެވެ. އަދި މިހިސާބަށް މިކަން އައިސްފައިވަނީ އެކަމާގުޅުންހުރި ފިޔަވަޅުތައް އެޅިފައިނުވާތީ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ މިސަރުކާރުން އަންނަނީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން ޓެރަރިޒަމްގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީސް ޗުއްޓީގައި އޮވެގެން ގެނެސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެއާ އެކުގައި އަޅުގަނޑުމެން އޭގެ މައްޗަށް ހަދަންޖެހޭ ބައެއް އުސޫލުތައް ހަދާ އަދި ހާއްސަކޮށް ހަރުކަށި ފިކުރުގެ މީހުން ހޯދާ ބަންދުކުރެވި ރިހިބިލިޓޭޓް ކުރުމުގެ މެކޭނިޒަމެއް ނުވަތަ އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިއަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން. އަޅުގަނޑުވެސް ގަބޫލުކުރަން މިކަމަށް އަޅަންޖެހޭ އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނުވާކަން. އެހެންނަމަވެސް މިކަމުގައި ފުލުހުން ފެއިލް ވެފައިވާކަމަށް އަޅުގަނޑު ދަންނަވާކަށް ބޭނުމެއް ނޫން. ފުލުހުން ފެއިލްވެއްޖޭ ބުނުމުގެ ބަދަލުގައި އަޅުގަނޑަށް ދަންނަވަންޖެހޭނީ ދައުލަތުގެ ހުރިހާ މުއައްސަސާ އެއް ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭ ކަމަށް.ހޯމް މިނިސްޓަރ އައްޝެއިހް އިމްރާން އަބްދުﷲ
މިނިސްޓަރ ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާޢަތްތަކުގެ ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.
މިނިސްޓަރ ވިދާޅުވީ މިކަން ހައްލުކުރުމަށް ފުލުހުން އެކަނި މަސައްކަތް ކުރަންޖެހޭ ކަމަށް ޤަބޫލުނުކުރައްވާކަމަށާއި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.