ލަނޑާނަގާ ދޯނީގައި މީހަކަށް ޙަމާލާދީ ޒަޚަމްކޮށްލި މައްސަލާގައި، އެމީހާއަށް ހަމަލާދީފައިވަނީ އެދޯނީގައި ހުރި އެކަކު ކަމަށާއި ހަމަލާދިން ވަގުތު ދޯނީގައި ތިބި އެހެން މީހުން ތިބީ ނިދާފައިކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ދޯނީގައި ޙަމަލާދިން މީހުން ހޯދިއްޖެތޯ އާއި އެމީހުން ކޮބައިތޯ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ވަޅިން ޙަމަލާދިން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.
ތަހުގީގަށް ބެލިބެލިމުން އެހާދިސާ ހިނގި ވަގުތު ދޯނީގެ ގިނަ މީހުން ތިބީ ނިދާފައި. އެހަމަލާ ދިނީ އެންމެ މީހަކު. އެހެންކަމުން އޭނާ ވަނީ ހައްޔަރުކުރެވިފައި. އެދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެއްނުވޭ.ހޯމް މިނިސްޓަރ އައްޝެއިހް އިމްރާން އަބްދުﷲ
މިނިސްޓަރ ވިދާޅުވީ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިނުވަނީ އެފަދަ ކަމެއް ފުލުހުންގެ ތަހުޤީޤަށް ހާމަވެފައިނުވާތީ ކަމަށެވެ. އަދި އެހެން މީހަކު އެދޯނިން ހައްޔަރުކޮށްފައި ނުވަނީ އެމާރާމާރީ ހިންގީ އެކަކުކަން ފުލުހުންގެ ތަހުޤީޤަށް ހޯދިފައިވާތީކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެ ޙާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ، ޒަޚަމްވެފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަށް ލިބިފައިވާ އަނިޔާތައް ސީރިއަސް ކަމަށެވެ.
މަޢުލޫމާތު ލިބޭގޮތުގައި މި ޒުވާނާގެ 8 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ. މި ޒުވާނާއަކީ ރ. މަޑުއްވަރީ ދޯންޏަކުން ލަނޑާ ނަގަންދާ މީހެކެވެ. އަދި އޭނާ ޒަޚަމްވެފައިވަނީ އެ ދޯނީގައި މަސައްކަތް ކުރާ އެހެން މީހުންނާ ދެމެދު ހިނގި އަރާރުންވުމެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.