Advertisement
ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 12:55
ގާނޫނު ހަދާ މަޖިލިސް: ރައްޔިތުންގެ މަޖިލިސް
ގާނޫނު ހަދާ މަޖިލިސް: ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ރައީސް މުހައްމަދު ނަޝީދު
ގާނޫނުތަކަށް އަމަލު ކުރުން "ވަރިހަމަ" ކޮށްލައިފި: ރައީސް ނަޝީދު
އަނދިރި ދައުލަތެއްގެ ފަލްސަފާގެ ފިކުރެއް މިރާއްޖޭގައި ހިނގަމުންދޭ
މިއީ ފިކުރީ ހަނގުރާމައެއް
މިކަމުގައި ކުޑަކުދީން ޒުވާނުން ބައިވެރި ކުރަމުންދޭ

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދައުލަތުގެ އެންމެމަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ޤާނޫނުތަކަކީ އެމައްޗަށް އަމަލުކުރަން ނުޖެހޭ "ވަރިހަމަ" ޤާނޫނުތަކެއްގެ ގޮތުގައި ބައެއް ދިވެހި ރައްޔިތުން ޤަބޫލުކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގައި މިހާރު ކުރިއަށްދާ، ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާބެހޭ ސެމިނާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގައި އަނދިރި ދައުލަތެއް އުފެދި، މުޅިން އެހެން ނިޒާމެއް ހިންގުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ އަނދިރި ދައުލަތުން، ދިވެހިންގެ ޝަރުއީ ނިޒާމާއި ދިވެހިންގެ ޤާނޫނުތަކަށް ގޮންޖެހަމުންދާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ، ކުޑަކުއްޖަކަށް އަނިޔާއެއް ކޮށްފިނަމަ، މީގެ 50 ހަކަށް އަހަރުކުރީގަ ނަމަ، އަވަށު ސަރުދާރު ވިޔަސް، ބަނޑޭރިގޭ މީހަކު ވިޔަސް، މާބަނޑޭރިއަކުވިޔަސް، އެކަމެއް ނުބަލާ، ނިދަން އޮށޯންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެކަމަކު މިހާރު ދައުލަތުގެ އިދާރާތަކުގެ ޒިންމާދާރު ފަރާތްތަކުން އެފަދަ ކަންކަމަށް ހުންނަ ފަރުވާކުޑަކަމާއި، "ވަރިހަމަކަން" ވަރަށް ބޮޑަށް ފާހަގަވަމުންދާ ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގެ އެތައް ބަޔެއްގެ ހިތްތަކަށް ވަދެއްޖެ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފާ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ގާނޫނު އެއީ އަދި އަޅުގަނޑުމެން ކޮންމެހެން ނުދެމެހެއްޓިޔަސް އެންމެ ރަނގަޅު ކަމެކޭ. އަޅުގަނޑުމެންގެ ދިފާއީ ބާރުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ފުލުހުންގެ ތެރޭގައި ފަރުވާ ކުޑަކަން، ވަރިހަމަކަން، އަޅަނުލާކަން، މި އާއްމުވެގެން މިދަނީ އަޅުގަނޑު ދެކޭ ގޮތުގައި މިވިސްނުމަށް އައި ބަދަލެއްގެ ސަބަބުން. އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ މީގެ 50 ހަކަށް އަހަރުކުރީގައި ކުޑަކުއްޖަކަށް އަނިޔާ ކުރީމާ، ދެން އަވަށު ސަރުދާރެއްވެސް، ބަނޑޭރިގޭ މީހަކުވެސް، މާބަނޑޭރިއަކުވެސް، ގޭގައި ނިދަން އޮންނާނެ ކަމަކަށް، ލަފައެއް ނުކުރެވޭ އަޅުގަނޑަކަށް. އެކަން ނުހޯދާ، އެކަން ނުނުބަލާ، އެކަން ނުހުއްޓުވާ. މިއަދު އަޅުގަނޑު އަހާލީމާ ވިދާޅުވާނެ، ވަރަށް ރަނގަޅަށް ތަހުގީގު ހިނގަމުންނޭ ދަނީ. ފޮރެންސިކް ހުރިހާ މައުލޫމާތެއް، އެކަމާބެހޭގޮތުން ޑީއެންއޭ ނަންގަވާ ވެސް ފީމޭ. ގާނޫނު މުތޯލިޔާ ކުރައްވާފީމޭ. ގެރި އޮތީ ވަޅަށް ވެއްޓިފަ، އަޅުގަނޑުމެން މިތިބީ އިށީނދެ މިކަމުގައި ސައްލާކުރަން، މަޝްވަރާކުރަން..."
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ވާގޮތް އަދި ވަމުންދާގޮތް އަޅުގަނޑުމެންގެ ތެރޭގައި އެކަކަށްވެސް އޮޅިވަޑައިގެން ނޫޅުއްވާ ކަމަށާއި، މި ގައުމުގައި އަނދިރި ދައުލަތެއް ހިންގަމުންދާއިރު، އެމީހުންގެ ދައުވަތު އުމުރުން 9 އަހަރާއި 10 އަހަރުގެ ކުދިންނަށް ވެސް ލިބެމުންދާ ކަމަށެވެ.

ވާގޮތް އަޅުގަނޑުމެންގެ ތެރޭން އެކަކަށް ވެސް ނޭނގެނީކީއެއް ނޫން، އެމީހުން ބުނީ ދައުވަތު ދެނިއްޔޭ. ދައުވަތު މިދެނީ 9 ނުވަތަ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ދޭން، ދައުވަތު މިދެނީ. އަޅުގަނޑުމެންގެ ރާއްޖޭގެ ގާނޫނުތައް، އަޅުގަނޑުމެންގެ ރާއްޖޭގެ އުސޫލްތައް، އަޅުގަނޑުމެންގެ އާއްމު ހަމަތަކުން ބޭރުން، އަޅުގަނޑުމެނަށް ދައުވަތެއް ނުދެވޭނެ. މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. މި ގައުމުގައި ދެން އަދިއެހެން ގޮތަކަށް އިސްލާމް ދީނަށް އުޅުމަށް ދައުވަތެއް ނުދެވޭނެ. އެކަމެއް ވަރިހަމަ ކޮށްގެނެއް އަޅުގަނޑުމެންނަށް ނުތިބެވޭނެ، އެތިބޭތިބުން އެއީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަށް އަޅުގަނޑުމެން ދޫކޮށްލާފައިވާ މިންވަރު..."
ރައީސް ނަޝީދު

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތަކުގެ ވާހަކަ ދައްވަކާއިރު، އަދި ދައުލަތުގެ އެހެން މުއައްސަސާތަކުން ވެސް ޤާނޫނެއް ނެތިގެން، ކަންކަން ތަންފީޒު ނުކުރެވޭ ވާހަކަ ބުނުމަކީ އެއީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މިއުޅެނީ ޤާނޫނެއް ނެތިގެން ނުވަތަ ޤާނޫނުގެ މައްސަލައެއް ނޫން ކަމަށާއި، ޒިންމާދާރު ފަރާތްތަކުގެ އިޚުލާސްތެރިކަން ނެތުމުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ.

ޖުވެނައިލް ޖަސްޓިސްއިން ވިދާޅުވެއްޖެ ގާނޫނެއްގެ ވާހަކަ، އަޅުގަނޑުމެން ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭހައި ފާސްކޮށްދީފާނަށް މިކަހަލަ 50 ޤާނޫނު ވެސް، އަޅުގަނޑަށް އެނގޭ 30 އަހަރު ވެއްޖެކަން މިޤާނޫނަށް، މާދަމާ ވެސް އަޅުގަނޑުމެން ތިބޭފުޅުން ބޭނުންވާ 40 ޤާނޫނުވެސް ފާސްކޮށްދީފާނަން. އަޅުގަނޑުމެންނަށް މިއުޅޭނީ ޤާނޫނެއް ނެތިގެނެއް ނޫން. އަޅުގަނޑުމެން މިއަދާ ހަމައަށް މިއައީވެސް، މިއަދާހަމައަށް މި ހުރިހާ ކަމެއް ވަމުން މިދަނީ ވެސް، ޤާނޫނެއް އަޅުގަނޑުމެންގެ ތެރޭގައި، ގޮތެއް އަޅުގަނޑުމެންގެ ތެރޭގައި ނެތިގެނެއް ނޫން. ހިތަށް އަޅުގަނޑުމެންނަށް ނުވަންނަނީކީއެއް ނޫން، އުޅެން ވީގޮތް،
ރައީސް ނަޝީދު

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، އަޅުގަނޑުމެންގެ ތެރެއަށް އަނދިރި ދައުލަތެއްގެ ފަލްސަފާއެއް ވަދެއްޖެ ކަމަށާއި، މިހާރު ރާއްޖެ މިދަނީ ފިކުރީ ހަނގުރާމައެއްގެ ތެރެއަށް ކަމަށެވެ.

އަޅުގަނޑުމެންގެ ތެރެއަށް ފެތުރިއްޖެ ފަލްސަފާއެއް. އަޅުގަނޑުމެންގެ ތެރޭގައި އުފެދެންފަށައިފި ފިކުރެއް، ހިޔާލާތެއް. ދިވެހިންނަކީ އެހެން ބައެއްގެ ގޮތުގައި، ދިވެހިން އުޅެންޖެހޭގޮތް ބަދަލުކުރަން ބަޔަކު ނިކުމެއްޖެ. މިއީ ފިކުރީ ހަނގުރާމައެއް. މިއީ ގާނޫނެއްގައި ލިޔެގެން އަޅުގަނޑުމެނަށްވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ އަމަން ބަލަހައްޓަވަން ތިއްބަލާ ބޭފުޅުން، އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން، މިމައްސަލަތައް ނުބައްލަވާ ދޫކޮށްލަވަނީ އެބޭފުޅުން، އެ އަނެއް ފަލްސަފާއަށް ލެނބެން ފަށައިފި. އަނދިރި ދައުލަތަށް ބައިއަތު ހިފައިފި. އަޅުގަނޑު ވަރަށް ސާފުބަހުން މިދަންވަނީ، އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތް ކުރަން އަޅުގަނޑުމެން އެދެނީނަމަ، މިނިދީން އަޅުގަނޑުމެން ތެދުވާންވެއްޖެ، ހޭލާންވެއްޖެ. މިމަގުގައެއް އަޅުގަނޑުމެއް މިއެދޭ ބަދަލެއް، އަދި އަޅުގަނޑުމެން މިއެދޭ ތަރައްގީއެއްވެސް، އަޅުގަނޑުމެން މިއެދޭ ހަމަޖެހުމެއްވެސް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ،
ރައީސް ނަޝީދު

13 އަހަރުގެ ކުޑަކުއްޖާ ބަލިވެއިން މައްސަލާގައި އިހުމާލުވި އިދާރާތަކާއި ހިތްވަރުދިން ފަރާތްތަކަށް ހައްގު އަދަބު ލިބެންޖެހޭ ކަމަށް، ރައީސް މުހައްމަދު ނަޝީދު މީގެކުރުން ވިދާޅުވެފައެވެ. މިމައްސަލަ އާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނާޖާއިޒު ބޭނުން ހިފާ އޭގެ ނަތީޖާއެއްގެ ގޮތުން އެކުއްޖާ ބަލިވެއިނދެ އެކުއްޖާއަށް ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް