އެމްޑީޕީން ރައްޔިތުންނަށް ދިން ތާޢީދުގެ ބޭނުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހިފީ ފަނޑިޔާރުގެ އިސްލާހު ކުރުމަށްކަމަށް އެމްޑީޕީގެ ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ލ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ ގަމުގެ އެމްޑީޕީ ހަރުގޭގެ ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާ ބައްދަލުކުރިއިރު ، އެރައްޔިތުން ބުނި އެއް ވާހަކައަކީ ވެރިން ވައްކަން ކުރުން ހުއްޓުވައި ދިނުމަށްކަމަށެވެ. ވެރިންގެ އަނިޔާވެރިކަން ހުއްޓުވާ ފަނޑިޔާރު ގެތަކުގައި އިންސާފު ޤާއިމުކޮށްދިނުމަށް ރައްޔިތުން އެދުނު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާ ލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިބި ކުރީގެ ހުރިހާ ފަނޑިޔާރުން މިހާރު މިދަނީ ބަދަލު ކުރަމުންކަމަށެވެ. ސުޕްރީމް ކޯޓުގެ އަތް މުޅި ޝަރީޢަތުގެ ނިޒާމަށް ފޯރާފައިވާ މިންވަރު މިހާރު ބަދަލުކުރެވިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެތަނުގެ އިދާރީ ހިންގުން ހިންގަމުންދިޔަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) ހިންގުން އެހެންބަޔަކާއި ހަވާލު ކުރެވިއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރަކީ އޭނާގެ ހިތަށް އޭނާއަކީ މިދައުލަތް ހިންގާ މީހާގެ ގޮތަށް ނުވަދެ ވަރި ކައިވެންޏާއި ގޯތި ގެދޮރިގެ ކަންކަން އިންސާފުން ހިންގައިދޭނެ ބައެއްގެ ގޮތުގައި އެބޭފުޅުން ތިއްބަވާނީ. އެބޭފުޅުންނަކީ އިތުރު ކަމެއް ކުރާ ބަޔަކަށް ވެގެންނުވާނެ. އެބޭފުޅުންނަކީ ތަރިކަ ބެހުމާއި އެނޫންވެސް ޝަރުއީ ކަންކަމުގައި އުޅުއްވާ ބޭފުޅުން.އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ޝަރުޢީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް ނިންމޭނެކަމަށާއި ރާއްޖެއަކީ އިންސާފުވެރި ޤައުމެއްކަން މުޅި ދުނިޔެއަށް އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އަދި ލަސްތަކެއްނުވެ ރާއްޖޭގެ ބޭރުން އިންވެސްޓަރުން ރާއްޖެ އައިސް ރާއްޖޭގައި އިންވެސްޓް ކުރަމުންދަނީ ރާއްޖޭގައި އިންސާފު އޮތުމުންކަމުގެ އަޑުއިވިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.