އެމްޑީޕީގެ އަމާޒަކީ މިއަންނަ ބަދަލުތަކާއެކު ކައުންސިލްތަކަށް ލިބޭ ފައިސާ ރައްޔިތުންނަށް ޚަރަދުކުރުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ލ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ ގަމުގެ އެމްޑީޕީ ހަރުގޭގެ ދިދަ ނެގުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ލާމަރުކަޒީ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާއެކު ބިމުން ލިބޭ ހުރިހާ ފައިދާއެއް ލިބިގެންދާނީ ކައުންސިލު ތަކަށްކަމަށެވެ. އެގޮތުން ބިމުގެ ކުލީގެ ގޮތުގައި ލިބޭ ފައިސާގެ 40 އިންސައްތަ ސަރުކާރަށް ނެގުމަށްފަހު ބާކީ ބަޔަކީ ސީދާ ކައުންސިލްތަކަށް ލިބޭ މިންވަރުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ލ ގަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ލ ގަމަށް 22 މިލިއަނަށްވުރެ ބޮޑު އަދަދެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މުޅި ލ އަތޮޅަށް 60 މިލިއަނަށްވުރެ ބޮޑު އަދަދެއް ކައުންސިލްތަކަށް ދޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި އަންނަ އަހަރު ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ 5 އިންސައްތައަކީ ކައުންސިލްތަކަށް ދެވޭ ފައިސާކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އެހެންކަމުން ކައުންސިލްތަކަށް މިލިބޭ ފައިސާ ޚަރަދު ކުރަންވީ ވަޒީފާގެ ފުރުސަތުތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށާއި އާންމު ހާލަތު ރަނގަޅު ކުރުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޚަރަދު ކުރެވޭ ކޮންމެ ރުފިޔާއަކުން 80 ލާރި ދާންޖެހޭނީ އެހެން ވަޒީފާ އެއް އުފައްދާ 80 ލާރިއަށް. 22 މިލިއަން ރުފިޔާގެ 80 އިންސައްތަ ދާންޖެހޭނީ އިތުރު ވަޒީފާއެއް އުފެއްދުމަށް. ކޮންމެ ރަށެއްގައިވެސް އެބަފެނޭ އިގުތިޞާދީ ހަރަކާތްތައް. ބަޖެޓުން ހޭދަކުރަންވީ އެއިގްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް. އެހަރަކާތްތްތަކުގެ ތެރެއިން ވަޒީފާގެ ފުރުސަތު ހޯދެނީ.އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މީގެއިތުރުން މީގެކުރީގެ އިންތިޚާބުތަކުގެ ކެމްޕޭނަށް އެމްޑީޕީން ދޮރުން ދޮރަށް ހިނގިއިރު ރައްޔިތުން ބުނި އެއްވާހަކައެއް ސާފުކަމަށާއި އެކަމަކީ ވަޒީފާގެ ފުރުޞަތު ނެތްކަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ކޮންމެ ރައްޔިތެއްގެވެސް އުންމީދަކީ އާންމު ޙާލަތު އިތުރުވެ ޖީބަށް ވަންނަ އެއްޗެއް އިތުރުވުން ކަމަށާއި ކޮންމެ މީހެއްގެ ވެސް ބޭނުމަކީ ހާސްކަމުން ނެއްޓި އާދައިގެ ދިރިއުޅުމެއް އުފާވެރިކަމުގައި ދިރިއުޅުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ކައުންސިލަކީ ބޮޑު ބަޖެޓުގެ ކައުންސިލެއް ކަމަށެވެ. އަދި ކުރިޔަށްއޮތް ކައުންސިލް އިންތިޚާބު ރައްޔިތުންނާއެކު ނިކުމެތިބެ އެމްޑީޕީން ކާމިޔާބު ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.