ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް މިހާވަރަށް ހުރަސްއެޅި ސަރުކާރެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ގުޅިގެން ''ހިބަރުވަދު''ގެ ނަމުގައި ކާނިވާ ޞަރަޙައްދުގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް މިއަށް ވުރެ ބޮޑަށް ހުރަސް އެޅި ސަރުކާރެއް އެމަނިކުފާނުގެ ސިޔާސީ އަދި ޒުވާން ހަޔާތުގައިވެސް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
މިއަށް ވުރެ އަންޑިމޮކްރެޓިކް، އަދި މިއަށް ވުރެ ޑިމޮކްރަޓިކްއާއި ބީރައްޓެހި އަދި ޑިމޮކްރަސީގެ ނަމުގައި މި ކުރެވޭ، ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް މިއަށް ވުރެ ބޮޑަށް ހުރަސް އެޅި ސަރުކާރެއް ހަމަ ގައިމުވެސް އަޅުގަނޑު ސިޔާސީ މައިދާނުގައި މިއުޅުނު ދުވަސްތަކުގައި އަދި އަޅުގަނޑުގެ ޒުވާން ހަޔާތުން ފެށިގެން މިހާތަނަށް އައި އިރު އަޅުގަނޑެއް ނުދެކެން.ކުރީގެ ރައީސް އަބްދުﷲ ޔާމީން
މި ސަރުކާރު އައީ ނަފްސުގެ މުއްސަނދިކަމުގެ ވާހަކަ ދައްކަމުންކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީ އަށަގަތުމުން އުފާ ފާގަތިކަމާއި ދިވެހި ރައްޔިތުންގެ ފަރުދީ މިނިވަންކަމަށް އޮތް ޖާގަ ކަށަވަރުކޮށްދިނުމުގެ ވާހަކަ ދައްކަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު ކަމެއް ކުރާނަމޭ ބުނެފި ނަމަ ކަންތައްތައްކުރަނީ އެ ބުނާގޮތަކާއި އިދިކޮޅަށް ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރުގައި ހުރިހައި ޕާޓީއެއް އެކުލެވޭ ސިޔާސީ ނިޒާމެއް އުފައްދައި ނުދިނުމުން ބޭރުގެ ފަރާތްތަކުންނާއި އެމްޑީޕީގައި ތިބި ފަރާތްތައް ރައީސް މައުމޫންގެ ސަރުކަރު ސިފަކުރަމުން ގެންދިޔައީ އެއީ ޚުދުމުޚުތާރު ވެރިކަމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެއްގޮތަކުން "ޕްލޫރަލިސްޓިކް ޕޮލިޓިކަލް ސޮސައިޓީ" އެއް ނެތް ކަމަށް ވަންޏާ އެއީ ޚުދުމުޚްތާރުވެރިކަމެއްގެ ގޮތުގައި ބުނެވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރުގައި އެމްޑީޕީން އެކި ފަހަރުމަތިން ތަންތަނަށް އެއްވުމުގެ ފުރުޞަތު އޮތް ކަމަށެވެ. އެގޮތުން ރައީސް އޮފީހާއި ގްރީންޒޯނަށް ވެސް އެއްވި ކަމަށާއި، ހަމައެކަނި އެއްނުވަނީ މިސްކިތައް އެކަނި ކަމަށެވެ. އެ ހުރިހާ ތަނަކަށް އެއްވުމުގެ ފުރުޞަތު އޭރު ލިބުނުކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ މިހާރު ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް ދެތިން މީހަކު އެއްވުމުންވެސް މި ސަރުކާރުން ބިރު ގަންނަ ކަމަށެވެ.
އެކަމު މިހާރު މި ސަރުކާރުން ކުރަނީ ކިއްތޯ؟ އަޅުގަނޑުމެންގެ އޮފީސް ކުރިމަތީގައި އެ އޮތް ދުވާރު، ހަނި ހަނި ދުވާރަށް އަޅުގަނޑުމެން ދެތިން މީހަކު ސްޕީކަރެއް ހިފައިން ނުކުތީމަ ކޮން ކަހަލަ ބިރެއްތޯ މިގަންނަނީ؟ ކޮން ކަހަލަ އިންޒާރުތަކެއް ތޯ މިއަންނަނީ؟ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީން ވަނީ ޑިމޮކްރަސީއާއި އިޞްލާޙުގެ ނަމުގައި މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި މެދު ވިސްނުމަށް ޖަލްސާގެ ބައިވެރިންނަށް ގޮވާލާފައެވެ.