ކ. މާލެ
|
23 ނޮވެންބަރ 2019 | ހޮނިހިރު 02:31
ތުރުކީގެ ރައީސް ތައްޔިބް އުރްދުގާން
ތުރުކީގެ ރައީސް ތައްޔިބް އުރްދުގާން
އަލްޖަޒީރާ
ފަލަޞްޠީނުގެ ހިމާޔަތުގައި އޯއައިސީ
މުސްލިމް ޤައުމުތައް އެއްބައިވެ އިޒްރޭލާއި ކުރިމަތިލުމަށް ތުރުކީގެ ރައީސް ގޮވާލައްވައިފި
 
އެމެރިކާއިން ޤުދުސް އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަކީ އިޒްރޭލުގެ ޢަމަލުތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ވިދާޅުވި
 
މިއީ ދައުލަތަކުން އިންސާނިއްޔަތާއި ދެކޮޅަށް ހިންގާ ޓެރަރިސްޓު އަމަލެއް
 
މުސްލިމް ލީޑަރުން އެއްބައިވެ އިޒްރޭލާ ކުރިމަތިލާން ވީ ވަގުތު އައިސް ޖެއްހިއްޖެކަމަށް ވިދާޅުވި

މުސްލިމް ޤައުމުތައް އެއްބައިވެ، އިޒްރޭލާއި ދެކޮޅަށް ތެދުވަން ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުގާން ގޮވާލައްވައިފިއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލުގައި މިހާރު ކުރިޔަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެކްސްޓްރާ އޯޑިނަރީ ސަމިޓުގައި ތަޤުރީރު ކުރައްވަމުން އުރްދުގާން ވިދާޅުވީ ފަލަޞްޠީނުގެ ޣައްޒާއަށް އިޒްރޭލު ސިފައިން ޙަމަލާދީ ކުށެއްނެތް އެތަކެއް މުސްލިމް އަޚުން މަރަމުންދާ މައްސަލައަށް އިޒްރޭލް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށެވެ. އިޒްރޭލުން ފަލަސްތީނަށް އަތްގަދަ ކުރިތާ ނުވަތަ ހިޞާރުކުރިތާ 70 އަހަރު ފުރުން ފާހަގަކުރަމުންދާއިިރު، އެޤައުމުގެ އަސްކަރީން ފަލަޞްޠީނުގެ ކުށެއްނެތް އެތަކެއް އަޚުންނާއި އުޚުތުން މަރަމުންދާ މައްސަލައަށް އިޝާރާތް ކުރައްވާ އުރްދުގާން ވިދާޅުވީ، މިކަމުގައި މުސްލިމް ލީޑަރުން އެއްބައިވެ އިޒްރޭލާ ކުރިމަތިލާން ވީ ވަގުތު އައިސް ޖެއްހިއްޖެ ކަމަށެވެ.

އުރްދުގާން ވިދާޅުވީ، އިސްރާއީލުން ފަލަޞްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަނީ އިންސާނިއްޔަތާއި ޚިލާފު ބޮޑު ޖަރީމާއެއްކަމަށާއި، މިފަދަ އަމަލުތައް ބަލަން ނުތިބެ މުސްލިމް ޤައުމުތަކުން އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅަންވެއްޖެކަމަށެވެ. ދުނިޔޭގައި އިންސާނިއްޔަތުކަން ފަސްނުޖެހޭކަން އިސްރާއީލަށް ދައްކަން މުސްލިމް ހުރިހައި ޤައުމެއް އެއްބައިވެ ހިކުމަތްތެރިކަމާއެކު އިސްރާއީލުގެ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ކަމަށް އުރްދުގާން ވިދާޅުވިއެވެ.

އިޒްރޭލުން ފަލަޞްޠީނު ރައްޔިތުން މަރަމުންދާ ދިއުން އުރްދުގާން ސިފަ ކުރައްވާފައިވަނީ ދައުލަތަކުން އިންސާނިއްޔަތާއި ދެކޮޅަށް ހިންގާ ޓެރަރިސްޓު އަމަލެއްގެ ގޮތުގައެވެ. އަދި އެމެރިކާއިން ފަލަޞްތީނުގެ އިރުމަތީ ޤުދުސް އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަކީ އިޒްރޭލުގެ ޢަމަލުތަކަށް އިތުރު ހިތްވަރެއް ލިބި ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެކަމެެއްގެ ގޮތުގައި އުރްދުގާން ސިފަކުރެއްވިއެވެ.

އިސްތަންބޫލުގައި މިހާރު ކުރިޔަށްދާ އޯއައިސީ ސަމިޓުގައި އޯއައިސީގެ މެންބަރު 57 ޤައުމަކުން ބައިވެރިވިއެވެ. ގިނަ ޤައުމުތަކުގެ އިސްވެރިން ބައިވެރިވި ނަމަވެސް ސައުދީ އަރަބިއްޔާއިން ސަމިޓުގައި ބައިވެރިވީ އެޤައުމުގެ ޚާރިޖީ ވުޒާރާގެ އިސް މަސްއޫލުވެރިންތަކެކެވެ. އަދި ބަހްރައިނާއި، މިޞްރާއި، ޔޫއޭއީންވެސް ބައިވެރިވީ ވަޒީރުން ފެންވަރުގެ ބޭފުޅުން ކަން ފާހަގަކުރެވެއެވެ.

އޯއައިސީ ސަމިޓުގައި ބައިވެރިވަޑައިގެންނެވި ގިނަ ލީޑަރުން ވަނީ އިޒްރޭލުގެ ޢަމަލުތައް ކުށްވެރިކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ގެ ވާހަކަފުޅުގައި ހައްޤުތައް ހޯދުމަށް ފަލަޞްޠީނު ރައްޔިތުން ކުރިޔަށްގެންދާ ޞުލްޙަވެރި އެއްވުންތަކަށް އަމާޒުކޮށް އިޒްރޭލުގެ އަސްކަރިއްޔާއިން ދޭ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި ފަލަޞްޠީނުގެ ރަށްވެހިންނަށް ހަރުކަށި އަދަބު އިސްރާއީލުން ދެމުންދާއިރު ދުނިޔޭގެ ވެރިންނަށް އެ އަދަބުގެ މިންވަރު ފަހުމް ނުކުރެވޭކަމަށް ވިދާޅުވިއެވެ. ފަލަޞްޠީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް އިޒްރޭލުން ނިގުޅައިގަތުމުގެ ސަބަބުން، ފަލަޞްޠީނުގެ ރައްޔިތުން ތައުލީމާއި، ބޭސް ފަރުވާއިން މަހްރޫމުވެ، އަމިއްލަ ދިރިއުޅުމަށް މަސައްކަތްކުރުމަށް ނުކުޅެދި، ދަތުރުފަތުރުތައް ކުރުމަށްވެސް ހުރަސް އެޅިފައިވާކަން އަމީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ފަލަޞްޠީނުގެ އެތައް މިލިއަން ރައްޔިތުން އަމިއްލަ ވަޒަނުގައި ރެފިއުޖީންނަށްވެސް މުޅި ޣައްޒާ އަވަށް ކޭމްޕަކަށް ބަދަލުވެފައިވާކަން އަމީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަލަޞްޠީނުގެ ބޮޑު ވަޒީރު، ރާމީ ހަމްދަﷲ ވިދާޅުވީ މިދިޔަ ހޯމަ ދުވަހު އެމެރިކާއިން އެޤައުމުގެ އެމްބަސީ ޤުދުސަށް ބަދަލުކޮށްފައިވާކަމަށެވެ. އެމެރިކާއިން އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަކީ އެމެރިކާއިން ފަލަޞްޠީނުގެ މައްސަލަ ޙައްލުކުރުމުގެ ބަދަލުގައި، މައްސަލަ އިތުރަށް ގޯސްކުރަން ކުރި ކަމެއްގެގޮތުގައި ރާމީ ވަނި ފާހަގަކުރައްވާފައެވެ. ފަލަޞްޠީނުގެ ރައްޔިތުން މަރަމުންދާ މައްސަލަ އޭނާ ސިފަކޮށްފައިވަނީ ޔަހޫދީ ޤައުމަކުން މުސްލިމް ދައުލަތެއް ނައްތާލަން ހިންގާ އަނިޔާވެރި ޢަމަލެއްގެ ގޮތުގައެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ ފަލަޞްޠީނުގެ މައްސަލަ ޙައްލުކުރަން އަވަސްފިޔަވަޅުތަކެއް އަޅަން އޯއައިސީގެ މެންބަރު ޤައުމުތަކަށް ގޮވާލިއިރު، އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވަނީ ފަލަޞްޠީނުގެ މައްސަލަ ހައްލު ކުރަން ބޭނުންވާނަމަ، އެމެރިކާއަށާއި އިޒްރޭލަށް އިޤްތިޞަދީ އަދި ސިޔާސީ ފިޔަވަޅުތަކެއް އެޅުމަށް މެންބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ.

އޯއައިސީގެ މެންބަރު ޤައުމުތަކުން ހުކުރު ދުވަހުގެ ބައްދަލުވުން ނިންމާލާފައިވަނީ، އޯއައިސީގެ ހުރިހައި މެންބަރުން އިއްތިފާޤުވެ، ފަލަޞްޠީނުގެ މައްސަލަ ހައްލުކުރަން ގުޅިފައިވާ ބަޔާނެއް ޢާންމުކޮށްފައެވެ. މި އެއްބަސްވުމުގައި އިޒްރޭލުން ފަލަޞްޠީނުގެ ކުށެއްނެތް އެތަކެއް މުސްލިމުން މަރަމުންދާ މައްސަލަ ބައިނަލް އަޤުވާމީ ޓީމަކުން ތަޙްޤީޤުކުރަން ގޮވާލާފައިވެއެވެ. އަދި ފަލަޞްޠީނުގެ ރައްޔިތުންގެ ސަލާމަތަށާއި އެޤައުމުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް އެހީތެރިވެދިނުމަށް ބައިނަލް އަޤުވާމީ ފައުޖެއް އެކުލާވާލަން ގޮވާލާފައިވެއެވެ. އޯއައިސީގެ މެންބަރު ޤައުމުތަކުން އަޅަން ނިންމާފައިވާ ފިޔަވަޅުގެ ގޮތުގައި ބަޔާނުގައިވާ ކަންތައްތަކުގެ ތެރޭގައި، ފަލަޞްޠީނުގެ އިރުމަތީ ޤުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަ ޤައުމުތަކާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުންނާއި ދެކޮޅަށް މާލީ ގޮތުން ދަތިރކުރުމުގެ ފިޔަވަޅު އެޅުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
6%
69%
9%
9%
0%
9%
ކޮމެންޓް
23 ނޮވެންބަރ 2019 | ހޮނިހިރު 16:48
ޥޗޗޗ
ތުރުކީން ދައްޖާލު ފާޅުވަނީ. މުސްލިމުން ނުޖެހޭ ދައްޖާލަށް ތަބާވާކަށް
23 ނޮވެންބަރ 2019 | ހޮނިހިރު 15:23
މުޙައްމަދު
ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ލަންކާ ގަ ބަޔަކު ގޮއްވި ބޮމުގެ ހަމަލާ ކުއްވެރި ކޮށް ބަޔާން ނެރުނު ފަދައިން ފަލަސްތީނުގެ ކުށެއްނެތް އެތަށް ބަޔަކު މަރާ ހުސްކުރާއިރު އެއްވެސްއެއްޗެއް ނުބުނެ ތިބެނީ ކޮންކަމަކާތޯ.