ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ހިންގާފައިވާ ބޮޑު ހިޔާނަތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ މި ސަރުކާރަށް ތަހުގީގު ނުކުރެވޭނެ ކަމަށާއި، އެ ތަހުގީގު ހިންގަވާނީ ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ގުޅިގެން ''ހިބަރުވަދު''ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ސަރުކާރަށާއި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ވެފައި އޮންނަނީ 24 ގަޑިއިރު ސިޔާސީ މަސައްކަތް ކުރާ އިދިކޮޅުގައި ތިބި މީހުން މައްސަލަ ބަލާތަނެއްގެ ގޮތުގައި ކަމަށެވެ.
ފުލުހުންނަކީ ގައުމުގެ އަމަން ބަލަހައްޓަން ތިބޭ ބައެއް ކަމައީމެދު ސުވާލު އުފައްދަވަމުން ޔާމީން ވިދާޅުވީ، ފުލުހުން މިހާރު ކުރަމުންދާ މަސައްކަތަކީ އިދިކޮޅުގައި ތިބި މީހުންގެ ނުރަނގަޅު ކަންތައްތައް ހޯދައި އެ މީހުން ޖަލަށްލެވޭނެ ގޮތްތަށް ހޯދުން ކަމަށެވެ.
ސަރުކާރަށް ތަހުގީގުތަށް ކިތަންމެ ވަރަކަށްވެސް ހިންގިދާނެ ކަމަށާއި، އެކަމަކު އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކުރުމުގެ ގާބިލުކަމެއް ފުލުހުންގެ ނުހުންނާނެ ކަމަށް ގޮންޖައްސަވާލައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.
ކެރުންތެރިކަމެއް ނުހުންނާނެ. ތަހުގީގެއް ނުކުރެވޭނެ. އެއީ މި މައްސަލައިގެ އެންމެ ގިނަ ވަގު ފައިސާ ނެގީ ކޮންބައެއްކަން އިނގޭ... މި މައްސަލަ ތަހުގީގު ނުކުރެވޭނެ . މައްސަލައިގެ ފުންމިނަށް ދިޔުމުގެ ހިތްވަރެއް ގާބިލްކަމެއް ފުލުހުންގެ ނުހުންނާނެ.އަބްދުﷲ ޔާމީން ~ ޕީޕީއެމްގެ ރައީސް ~
ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކަމަށާއި، އެއްވެސް ކަމެއް ނުބަލާ ދޫކޮށްނުލާނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، ހިޔާނާތުގެ ތަހުގީގެއް ނިމިގެން ދިޔަ ވެރިކަމުގައިވެސް ފެއްޓިއެވެ. މައްސަލަ މެދުކެނޑި އޮތުމަށް ފަހު އަލުން އެކަންފަށައި ކުރިޔަށް ގެންދަން ވަނީ ފަށާފައެވެ. ފުލުހުންނާއި އޭސީސީއާއި އެސްޓް ރިކަވަރީ ކޮމިޝަނާއި ގުޅިގެން ހިންގަމުންދާ ތަހުގީގުގެ މައުލޫމާތު ދާދި ފަހުން ހާމަކޮށްފައިވެއެވެ.