ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 20:29
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް
ބީޑީނިއުސް24
ޕާކިސްތާން - ނަވާޒު ޝަރީފުގެ ޞިއްޙީ ޙާލުކޮޅު
ފްލައިޓް ދަތުރަކުން ނަވާޒު ޝަރީފުގެ ޞިއްޙީ ޙާލުކޮޅު ރަނގަޅުވެއްޖެ: އިމްރާން ޚާން
ޕާކިސްތާނުން ދެވޭނެ ފަރުވާއެއް ނެތްކަމަށް ނަވާޒު ޝަރީފުގެ ޢާއިލާއިން ބުނި
ޤައުމުން ބޭރަށް ވަގުތުން ވަގުތަށް ފަރުވާއަށް ނުގެންދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާނެކަމަށް ނަވާޒުގެ ޑޮކްޓަރު ވިދާޅުވި
ފްލައިޓަށް އެރި ހިސާބުން ފެނުނީ މުޅިން އެހެން މަންޒަރެއް، ބަލި ޙާލަތު ރަނގަޅުވެއްޖެ

ޕާކިސްތާނުގެ ކުރީގެ ރައީސް ނަވާޒު ޝަރީފު ޤައުމުން ބޭރަށް ބޭސްފަރުވާއަށް ނުގެންދެވިއްޖެނަމަ ފުރާނަޔަށް ނުރައްކާވެދާނެކަމުގެ ބިރު ހީވެފައިވާކަމަށް އޭނާގެ ޢާއިލާން ބުނި ނަމަވެސް، އެއަރ އެމްބިއުލާންސްގެ އެންމެ ނަޒަރަކުން ނަވާޒުގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވެފައިވާކަމަށް އެޤައުމުގެ މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އަސާސީ ޚިދުމަތްތައް ހިމެނޭ ގިނަ މަޝްރޫޢުތަކެއް އިފްތިތާޙު ކުރެއްވުމަށް އެޤައުމުގެ މިއާންވާލީގައި ބޭއްވި ޙަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ޚާން ވިދާޅުވީ، ޤައުމުން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް އެދި ނަވާޒު ޝަރީފުގެ ފަރާތުން ސަރުކާރަށް ހުށަހެޅި ލިޔެކިޔުންތަކުގައި ނަވާޒު ގާތްގަނޑަކަށް 15 ވަރަކަށް ބަލީގެ ޝިކާއަރަކަށްވެފައިވާކަން އިނގޭކަމަށެވެ. އޭގެތެރޭގައި ހިތުގެ ބައްޔާއި، ކިޑްނީގެ މައްސަލައާއި، ހަކުރު ބައްޔާއި، ލޭގެ ޕްލެޓްލެޓްސް މަދުވެގެން ކުރިމަތިވާ ބަލިތައް ހިމެނޭކަމަށެވެ. އެހެންނަމަވެސް އެއަރ އެމްބިއުލަންސުގައި ލަންޑަނަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ނަވާޒު ހެޔޮޙާލުގައި ހުންނެވި ތަން ފެންނަ ފޮޓޯތަކާއި މަންޒަރުތަކަކީ އަޖައިބެއްގެ ގޮތުގައި އިމްރާން ޚާން ސިފަކުރެއްވިއެވެ. އަދި އެއަރ އެމްބިއުލާންސުގައި ހެޔޮ ޙާލުގައި ނަވާޒު ހުންނެވި މަންޒަރު ފެނުމުން މެޑިކަލް ރިޕޯޓުތައް އަލުން ބެއްލެވިކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ނަވާޒު ޝަރީފު އެއަރައެމްބިއުލާންސަށް އަރާ ވަޑައިގެންނެވި މަންޒަރު ފެނުނީމަ އަޅުގަނޑު ހައިރާންވި. ޕާކިސްތާނުގައި ޑޮކްޓަރުންނަށް ނުދެވުނު ފަރުވާއެއް ލަންޑަނަށް ދަތުރުކުރެއްވި ފްލައިޓުން އެނޫނީ ލަންޑަން ވައިގެ ސަބަބުން ރަނގަޅުވެއްޖެ. މިކަންވީ ގޮތް އެބަ ބަލަންޖެހޭ. ވެދާނެ ނަވާޒު ދަތުރުކުރެއްވި މަތިންދާ ބޯޓަކީ ބަލިމީހުންނަށް ފަރުވާދޭ އުޅަނދަކަށްވެސް.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން

އިމްރާން ޚާންގެ މި ވާހަކަފުޅަށް ރައްދު ދެއްވައި ނަވާޒް ޝަރީފުގެ ޢާއިލާއިން ބުނެފައިވަނީ ލަންޑަންގެ ޕާކްލޭންގެ އެވެންފީލްޑް ހޮސްޕިޓަލުން ނަވާޒު ފަރުވާ ހޯއްދަވަމުން އަންނަ ކަމަށެވެ. އަދި ލަންޑަންގެ ޕްރައިވެޓް ކްލިނިކަކުން އިތުރު މެޑިކަލް ޓެސްޓުތަކެއް ހަދަން ހަމަޖެހިފައިވާކަމަށެވެ. އަދި ކުރިން ހަދާފައިވާ ޕެޓް ޓެސްޓުގެ މުއްދަތު ހަމަވާނީ އަންނަ ހަފުތާއަށް ކަމުން އޭގެ ރިޕީޓް ޓެސްޓެއްވެސް ހަދަން ހަމަޖެހިފައިވާކަމަށް ޢާއިލާއާއި ޙަވާލާދީ ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނަވާޒް ލަންޑަނަށް އެއަރަ އެމްބިއުލާންސަގައިކުރި ދަތުރުގެ ތެރެއިން

ނަވާޒުގެ ޢާއިލާއިން ބުނެފައިވަނީ ޕެޓް ސްކޭންގެ ޒަރީއާއިން ނަވާޒު ފަރުވާ ހޯދަންޖެހޭ ބަލިތައް ކަށަވަރުވާނެކަމަށެވެ. ނަވާޒަށް ދޭންވާ 2 ތެރަޕީއެއްގައި ގޭގައި ދެމުންގެންދާކަމަށާއި، ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންގެ ޓީމަކުން ނަވާޒަށް އިތުުރު ފަރުވާދެމުން އަންނަ ކަމަށްވެސް ޢާއިލާއިން ބުނެއެވެ.

ނަވާޒަށް ފަރުވާ ކުރަމުންދާ އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރ ޑރ. އަދުނާން ވިދާޅުވީ ، ނަވާޒުގެ ބަލިޙާލަތު ރަނގަޅުވާން މަސްތަކެއް ނަގާނެކަމަށެވެ. އަދި ކުރިން ހަދާފައިވާ ބައެއް ޓެސްޓުތަކުގެ ނަތީޖާ ހަފުތާއެއްގެ ތެރޭގައި ލިބޭނެކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު އެޤައުމުގެ ލާހޯރުން އެއަރ އެމްބިއުލާންސެއްގައި ލަންޑަނަށް ކުއްލި ޙާލަތުގައި ގެންދިޔައީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ޞިއްޙީ ޙަލަތު ގޯސްވެ، ފުރާނައަށް ނުރައްކާވެދާކަމަށް އެނާގެ ޑޮކްޓަރުންގެ ޓީމުން އިރުޝާދުދިނުމާއި ގުޅިގެން ޕާކިސްތާނުގެ މިހާރުގެ ސަރުކާރުން ނަވާޒު ޤައުމުން ބޭރަށް ފަރުވާއަށް ވަޑައިގެންނެވުމަށް ހުއްދަދިނެވެ.

ތިން ދައުރެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފު ގެންދެވީ ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ހަތް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުންނެވެ. ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވަނީ ބަލިޙާލަތުގެ ސަބަބުންނެވެ.

އުމުރުން 69 އަހަރުގެ ނަވާޒް ޝަރީފު ލަންޑަނަށް ވަޑައިގެންނެވީ ފިރިހެން ކޮއްކޯފުޅު އައްބާސް ޝަރީފާއި، އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރަކާ އެކުގައެވެ.

- ކޮމެންޓް
23 ނޮވެންބަރ 2019 | ހޮނިހިރު 01:01
މ.މ.އ
ހަމަ ގާސިމް ހުސް
22 ނޮވެންބަރ 2019 | ހުކުރު 23:27
އެދުރު ހަސަން
އެފެންނައް މަންޒަރައް ބަލާފަ މަނަމަވެސް ބުނާނީ އިމްރާންބުނިހެން. އެބަޖެހޭވިއްޔަ ފޮޓޯ ޑްރާމާވެސް ކުޅެން. އިމްރާން ވާރަގަޅެއްނުން އެވަރުގެ ވާހަކައެއް ބުނެފަ ނިންމާލިކަން..