އެމްޑީޕީގެ އެތެރޭގެ އިންތިހާބު ހުކުރު ދުވަހުގެ މެންދުރު 02:00 ޖަހާއިރު ފަށަން ނިންމައިފިއެވެ.
މި އިންތިހާބު އިރުއޮއްސި 06:00 ޖަހަންދެން ކުރިއަށްދާއިރު މާލެގައި ހުންނަ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ވޯޓް ފޮށި ހުންނާނީ އެމްޑީޕީގެ ހަރުގޭގައެވެ. ދެން ހުރިހާ ވޯޓް ފޮއްޓެއް ހުންނާނީ އިސްކަންދަރު ސުކޫލު ހޯލުގައި ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ސުންގަޑި ޕްރޮގްރާމްގައި އެމްޑީޕީގެ އިންތިހާބު ތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހީމް މަނިކު ވިދާޅުވީ، އިންތިހާބުގެ ސެކިއުރިޓީ ފީޗާރސް ތައް ވަރުގަދަ ވާނެ ކަމަށާއި ވޯޓް ގުނުމަށްފަހުގައި ހުށަހަޅާ ޝަކުވާތައް ބަލަން ވެސް ކޮމިޓީއެއް އެކުލަވާލާފައި ވާނެ ކަމަށެވެ.
ސެކިއުރިޓީ ފީޗާރސް ދެން ކައުންޓް ކުރައްވާ އިރު އިނގޭނެ، އެއީ ކޮމިޓީގެ ވަކި ބަޔަކަށް އިނގޭ އެއްޗެއް އެއީ، މިސާލަކަށް ގުނާ ފަހުން ވެސް އެއްވެސް ތަނެއްގައި މައްސަލައެއް ޖެހިއްޖެއްޔާ ޝަކުވާއެއް އޮތިއްޔާ ޝަކުވާ ކުރައްވާނެ، އެ ޝަކުވާ ބައްލަވާ ކޮމިޓީ އެއްވެސް ހައްދަވާފަ އޮންނާނީމުހައްމަދު އިބްރާހިމް މަނިކު
އިންތިހާބުގައި ޝަކުވާ ހޮޓްލައިން މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް މަނިކު ވިދާޅުވިއެވެ. އެގޮތުން 7524400 ނަމްބަރަށް ގުޅައިގެން އާންމުންނަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަކުވާ ކޮމިޓީގައި މި ތިއްބަވަނީ، ޑރ މުސްތަފާ ލުތުފީ އާއި އުސްތާޒް އަނަސް އައްބުއް ސައްތާރު އަދި އަޅުގަނޑުމެން ކޮމިޓީ މެންބަރެއް ކަމުގައިވާ ޝުއައިބް އަލީ، އެ ތިން ބޭފުޅުން އަބަދުވެސް އަންނަ ހުރިހާ ޝަކުވާ އަކަށް އެޓެންޑް ވަމުންދާނީމުހައްމަދު އިބްރާހިމް މަނިކު
87 ދާއިރާއެއްގައި ވޯޓް ފޮށި ބެހެއްޓިފައިވާއިރު 185 ތަނަކަށް މެންބަރުން ވޯޓް ލާނެކަން ފާހަގަކޮށް މަނިކު ވިދާޅުވީ، މުޅި ޖުމްލަ 87439 މީހުން ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާނެ ކަމަށެވެ. އިރު އޮއްސި ހަޔަކަށް ވޯޓްލުން ނިމިއްޖެނަމަ ރޭގަނޑު ނުވައެއް ޖަހައިރު ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށާއި އެހެން ނަމަވެސް ދާއިމީ ނަތީޖާ އިއުލާން ކުރާނީ އާންމު އުސޫލުގެ މަތިން ތިން ދުވަސް ފަހުންކަމަށް މަނިކު ވިދާޅުވިއެވެ.