ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގައި ވޯޓު ކަރުދާސްކޮޅު އަތަށް ލިބުމުން ކެނޑިޑޭޓް ނަމްބަރު އެކެއްގައި ފާހަގަ ޖެހުމުން ހަގީގަތުގައިވެސް އޭގެން ގެއްލުމެއް ނުވާނެ ކަން ޔަގީން ވާނެ ކަމަށް ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އަދި ކުރީގެ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ޝިފާޒްގެ ކެނޑިޑޭޓް ނަމްބަރަކީ އެކެކެވެ. އޭނާ އާއެކު އެ އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.
ޝިފާޒްގެ ކެމްޕެއިން ނިންމުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި ޝިފާޒް ވިދާޅުވީ، ވަގުތު އައިސް ޖެހިއްޖެ ކަމަށާއި ވޯޓު ކަރުދާސްކޮޅު އަތަށް ލިބުމުން މާބޮޑު ވިސްނުމަކަށް ދާން ނުޖެހޭނެ ކަމަށެވެ.
އެ އަޖުމަ ބެލިފަ އޮތީ އެކެއް، ޓެސްޓު ކުރެވިފައި ވެސް އޮތީ އެކެއް، ނަތީޖާވެސް ނެރެވިފަ އޮތީ އެކަކަށް، އެހެންވީމަ އަޅުގަނޑު މި އެދެނީ ތިބޭފުޅުންގެ ވިސްނުން އެހެން ގޮތަކަށް ދާނެ ޖެހޭ ކުޑަ ވެސް ސަބަބެއް ހަގީގަތަކު މިޔަކު ނޯންނާނެ ކަމަށްއެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
އިތުރަށް ޝިފާޒް ވިދާޅުވީ ޕާޓީގެ މެންބަރުންގެ އުންމީދުތަކެއް އޮންނާނެ ކަމަށާއި އެ އުންމީދު ގުޅިފައި އޮތީ އެންމެން ކުރާ މަސައްކަތާއި ކަމަށެވެ. އަދި އެ މަސައްކަތުގައި ޕާޓީގެ މެންބަރުންނާއެކު ހުންނާނެ މީހަކު އިހްތިޔާރު ކުރަން ޖެހޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
އެއީ އިރާދަކުރެއްވިއްޔާ ތިބޭފުޅުން ވޯޓު ދޭން ތައްޔާރަށް ތިބި ކެނޑިޑޭޓް ނަމްބަރު އެކެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ހުރިހާ ކަމެއް ތިބޭފުޅުންނަށް ފޯރުކޮށްދޭނަން، އަޅުގަނޑުމެން ޔަގީން ކަށަވަރުކަން މި ދެއްވަނީ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކޮށް އަޅުގަނޑުމެންގެ މުޅި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ތިބޭފުޅުންނަށް ހާސިލްކޮށްދޭނަންއެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
ޝިފާޒު އިތުރަށް ވިދާޅުވީ، ވައުދުވި ޖަޒީރާ ރާއްޖޭގެ އަމާޒު ވަރަށް ސާފު ކަމަށާއި އެ ޖަޒިރާ ރާއްޖޭގައި ލިޔެފައިވާ ކަންކަން މި ފަސް އަހަރުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.
އެމްޑީޕީން ކަންކުރާނީ އެހެން ބަޔަކު ކަން ކޮށްފައި އޮތް ގޮތަށް ނޫން ކަމަށާއި ކަން ކުރާނީ ތަރުތީބު ކުރެވިފައި އޮތް ޕްލޭނެއްގެ ދަށުން ކަމަށް ފާހަގަކޮށް ޝިފާޒް ވިދާޅުވީ، އެކަން މެންބަރުންނަށް ހާސިލްކޮށްދޭން ކުރާ ދަތުރުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.