ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ، ސަބް ކޮމިޓީން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ދިރާސާ ކުރި ރިޕޯޓުގައި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ގެ ނަން ނެތް ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަަކުން ފަތުރާފައިވަނީ ދޮގު ހަބަރުތަކެއްކަން ހާމަވެއްޖެއެވެެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ސަބް ކޮމިޓީ، ކުރިޔަށް ގެންގޮސްފައިވާ ވަނީ ސިއްރުކޮށްގެންނެވެ. ސަބް ކޮމިޓީއާ ހަވާލުކޮށްފައިވަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓާއި ގުޅިގެން އެ ކޮމިޓީއަށް ހުށައެޅިފައިވާ ހަތް ނުކުތާއާ ގުޅޭ ގޮތުން ރިޕޯޓް އެކުލަވާލައި އެ ރިޕޯޓް ކޮމިޓީއަށް ހުށަައެޅުމެވެ.
މައި ކޮމިޓީން ސަބްކޮމިޓީ އަށް ހުށައެޅި ހަތް ކަންތައް
- ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޖަމާއަތްތަކުގެ އަދަދުތަކާއި، ސެލްތަކާއި، މެމްބަރުންގެ އަދަދު ދެނެގަތުން
- ޑރ. އަފްރާޝީމް އަލީ މަރާލުމުގައި ފައިސާ ބަދަލުވެފައިވާ ގޮތާއި މިންވަރު ދެނެގަތުން
- ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ޖަމާއަތްތައް ދެނެގަތުން
- ޑރ. އަފްރާޝީމް މަރާލުމުގައި ފުލުހުންނާއި އަދި އިމިގްރޭޝަން އެއްވެސް މީހަކު ބައިވެރިވެފައިވޭތޯ ދެނެގަތުން
- ރިޕޯޓުގައި ފާހަގަކޮށްފައި ފަރާތްތައް މިހާރު ތިބި ތަންތަން ދެނެގަތުން
- ރިޕޯޓާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކަށް މިހާރުން މިހާރަަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެންގުން
ކޮމިޓީގެ ރިކޮމެންޑޭޝަން
1. އަފްރާޝީމްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް، ހ. ހިކޯސްޓް އަލި ޝާން (ސަޓޯ) އަދި އެކަން ހިންގުމުގައި ބައިވެރިވި 18 އަހަރުން ދަށުގެ ކުޑަކުއްޖާ (ސިއްރު ހެކި) އާއި އެކަން ހިނގައިދިޔަ ވަގުތު ކްރަސްޓީސް ރެސްޓޯރެންޓް ގައި ތިބެ ޖަރީމާ ހިންގި ފަރާތްތަކާއި، ޖަރީމާ ހިންގި ފަރާތްތަކުގެ އިތުރުން ހ، ފުންވިލުގެ ސިޑި މަތީގައި ހަރަކާތްތެރި ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
2. ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކާމެދު ލަސްނުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ކޮމިޓީން ވަނީ ލަފާދީފައެވެ.
3. އަފްރާޝީމްގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާފައިވާ ތަހުގީގުގެ މައުލޫމާތު ކޮމިޓީ އަށް ހޯދަމަށް މުހިއްމު ކަމަށް ރިޕޯޓުގައިވެއެވެ.
ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު
1. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (މުގައްރިރު)
2. މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް (ނައިބް މުގައްރިރު)
3. ފަރެސްމާތޮޑާ މެމްބަރު ހުސައިން މުހައްމަދު ލަތީފް
ރިޕޯޓުގައިވާ ގޮތުން ސަބް ކޮމިޓީގެ ރިޕޯޓަށް ވޯޓު ދެއްވާފައިވަނީ ހާޒިރުވެވަޑައިގެންނެވި ތިން މެމްބަރުންގެ އިއްތިފާގުންނެވެ. އެއާއި އެކު ސަބް ކޮމިޓީގެ ރިޕޯޓް ބޮޑު ކޮމިޓީން ފާސްކޮށް ރިޕޯޓް މަޖިލީހަށް ހުށައަޅަން ނިންމަފައިވެއެވެ.