ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ބުދަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހަންޏާމީދޫ ކައުންސިލަރުން ވަނީ އެރަށުގެ ނަރުދަމާ ނިޒާމުގެ ބައެއް މަސައްކަތްތައް ހުއްޓިފައި ހުރުމުން އެކަމުގެ ކަންބޮޑުވުންތައް ރައީސާއި ޙިއްސާ ކުރައްވާފައެވެ. އަދި ރަށުގެ ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސްކޫލަށް ކަރަންޓުދިނުމުގައި ހުރި މައްސަލަތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި ރަށަށް ބޭނުންވާ ބައެއް ޚިދުމަތްތަކުގެ ގޮތުގައި ފުލުހުންގެ ޚިދުމަތާއި ބޭންކުގެ ޚިދުމަތް ފަދަ ރަށުގެ ތަރައްޤީއާ ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން ކައުންސިލަރުން މި ބައްދަލުވުމުގައި ރައީސްއާ މައުލޫމާތު ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ހަންޏާމީދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި މައްސަލަތަކުގައި ކަމާގުޅޭ އިދާރާތަކާއި ގުޅިވަޑައިގެން އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.