Advertisement
ކ. މާލެ
|
20 ނޮވެންބަރ 2019 | ބުދަ 14:05
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންތަކެއް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންތަކެއް
ސަން އޮންލައިން
ކޮރަޕްޝަން
އަންނަ އަހަރަށް ބޭރުން ޓީޗަރުން ގެނައުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަނީ
ބޭރު އެޖެންސީތަކަށް ފުރުސަތު ލިބޭގޮތަށް އެޑިއުކޭޝަނުން ވަނީ އުސޫލް ބަދަލުކޮށްފަ

އަންނަ އަހަރަށް ބޭނުންވާ ބޭރު ޓީޗަރުން ގެނެސްދޭނެ އެޖެންސީތައް ހޯދުމުގައި އެޑިއުކޭޝަން މިނިސްޓްރީން އަމަލުކޮށްފައިވަނީ ގަވާއިދާ ހިލާފަށްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ މައްސަލާގައި ނިންމާފައިވަނީ، އެމައްސަލައަކީ މިހާރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި ބަލަމުންދާ މައްސަލައަކަށްވާތީ، ކޮމެޓީން އެމައްސަލަ ނުބެލުމަށެވެ.

އެމައްސަލައާ ގުޅިގެން "ރާއްޖެއެމްވީ" އޭސީސީގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ބުދަ ދުވަހު ވިދާޅުވީ، އެފަދަ މައްސަލައެއް އެކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބެއް ޖެހޭނީ ބަލާލަން ކަމަށް ވިދާޅުވި އެވެ.

Advertisement

ސަރުކާރުގެ ސްކޫލްތަކަށް އަންނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނައުމަށް ބޭރުގެ ކުންފުނިތަކަށް ފުރުސަތުދޭތީވެ، މޯލްޑިވްސް އެސޯޝިއޭޝަން ފޯރ އެމްޕްލޯއިމެންޓް އެޖެންސީސް (އެމްއެއީއީއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްއެއީއީއޭ އިން ކަންބޮޑުވުން ފާޅުކޮށް މިދިއަ އޮކްޓޯބަރު މަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތް 2009 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރަމުން އައީ އެކަމަށްޓަކައި، އެ މިނިސްޓްރީ ބީލަން އުސޫލުން ކުރައްވާ އިއުލާނުކަށް އިޖާބަދޭ ދިވެހި އޭޖެންސީތަކުގެ ތެރެއިން، އެ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ހޮވޭ ދިވެހި އޭޖެންސީތަށް މެދުވެރިކޮށް ކަމަށެވެ. އެކަން ކަނޑައަޅާފައިވާ އޮއްވާ ސަރުކާރު ސްކޫލްތަކަށް އަންނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނެސްދިނުމަށް ބީލަން އުސޫލުން ދެ އެޖެންސީއެއް ހޯދުމަށް، އެޑިއުކޭޝަންގެ މިދިޔަ މަހުގެ 15 ވަނަ ދުވަހު ގެޒެޓްގައި އިއުލާނުގައި ބީލަމުގައި ރާއްޖެއިން ބޭރުގެ އޭޖެންސީތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހަމަޖައްސަވާފައިވާތީ، އެ އެސޯސިއޭޝަނުގެ ފަރާތުން އެކަމާއި ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތަށް އިހުތިރާމްކުރުމަށާއި، ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމާއެކު، ސްކޫލްތަކަށް ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތް އެއީ ހަމައެކަނި ދިވެހި އެޖެންސީތަކަށް ވާދަކުރެވޭ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވައި ދިނުމަށް އެ އެޖެންސީތަކުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް