ކ. މާލެ
|
16 މާރޗް 2017 | ބުރާސްފަތި 20:04
ކޮލެޖު ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)
ކޮލެޖު ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)
ޓްވިޓަރ
ސްކޫލް ވޮލީ މުބާރާތް
ކޮލެޖު ޔުނިވާސިޓީ ވޮލީ މުބާރާތް: އެމްއެންޔޫ އިން ތަށި ދިފާއުކޮށްފި
ފިރިހެން އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވެސް އެމްއެންޔޫ އަށް
މި މުބާރާތުގައި 17 ސްކޫލަކާއި، 5 ކޮލެޖުން ޖުމްލަ 44 ޓީމު ވާދަކުރި

އިންޓަރ ކޮލެޖް ޔުނިވާސިޓީ ވޮލީ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އެ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ބުދަ ދުވަހު ހަވީރު ވާދަކުރީ އެމްއެންޔޫ އަދި ސައިރެކްސް ކޮލެޖެވެ. މި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކުރީ އެމްއެންޔޫ އެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު އެމްއެންޔޫއިން 25-20 އަދި 25-19 އިން ގެންގޮސްފައި ވަނިކޮށް ސައިރެކްސް އިން ވަނީ ޖެހިގެން އައި ދެ ސެޓު 19-25 އަދި 15-25 އިން ގެންގޮސް މެޗު ފަސް ސެޓަށް ގެންގޮސްފަ އެވެ. ފަހު ސެޓު އެމްއެންޔޫއިން ގެންދިޔައީ 15-13 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޔޫގެ މަރިޔަމް މިޒުނާ އެވެ.

މި ޑިވިޝަންގެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ސައިރެކްސް ކޮލެޖުގެ އައިމިނަތު ރާޝިދާ އާއި އައިމިނަތު އިމްތިނާން އާއި އެމްއެންޔޫގެ އައިމިނަތު ނަސްމާ އާއި ފާތިމަތު ސަޢާދާ އާއި މަރިޔަމް މިޒުނާގެ އިތުރުން ފަޒްލާ އަބޫބަކުރެވެ.

މި ޑިވިޝަންގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެންޔޫގެ ސިލްމާ ޒާހިރެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެޓީމުގެ ކޯޗު ސޮފްވާން އަހުމަދެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްއެންޔޫ ހޯދީ ފައިނަލްގައި ވިލާ ކޮލެޖު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން އެމްއެންޔޫ ގެންދިޔަ ނަމަވެސް ވިލާއިންވަނީ ޖެހިގެން އައި ދެ ސެޓު 25-21 އަދި 25-21 އިން ގެންގޮސްފަ އެވެ. ހަތަރުވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 26-24 އިން އެމްއެންޔޫއިން ގެންގޮސްފައިވާއިރު، ފަސްވަނަ ސެޓުވެސް އެޓީމުން ގެންދިޔައީ 15-11 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެންޔޫގެ ޒިޔާން ޖާދުﷲ ރަޝީދެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައި ވަނީ ވިލާ ކޮލެޖުގެ މުޙައްމަދު އަލީ އާއި އަހުމަދު މުޙައްމަދާއި ލުގުމާން ލަތީފާއި އެމްއެންޔޫގެ ރަޒާން އަބްދުލް ރައްޒާގާއި ޖަޒްލާން މުޙައްމަދުގެ އިތުރުން ޖައިލަމް މުޙައްމަދެވެ.

މި ޑިވިޝަންގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް އެމްއެންޔޫގެ ޒިޔާން ޖާދުﷲ ރަޝީދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެޓީމުގެ ކޯޗު ޚާލިދު މުހައްމަދެވެ.

ވޭތުވެދިޔަ އަހަރުވެސް އިންޓަ ކޮލެޖު، ޔުނިވާސިޓީ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއެންޔޫ އެވެ.

މިއަހަރުގެ އިންޓަ ސްކޫލް އަދި ކޮލެޖް ޔުނިވަސިޓީ ވޮލީބޯޅަ މުބާރާތުގައި 17 ސްކޫލަކާއި، 5 ކޮލެޖުން ޖުމްލަ 44 ޓީމު ވާދަކުރި އެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ 17 ސްކޫލްގެ ތެރޭގައި ޖުމްލަ 34 ޓީމް ވާދަކުރި އެވެ. އަދި ފަސް ކޮލެޖުން މިމުބާރާތުގައި 10 ޓީމު ވާދަކުރި އެވެ.

- ކޮމެންޓް