18 ނޮވެމްބަރު 2019 ވަނަ ދުވަހު ޑައިވިން ކުރުމުގެ ތެރޭގައި ޑީކޯވި ހުވަދު އަތޮޅުގެ ދެ މަސްވެރިއަކަށް ލިބެންޖެހޭ ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެން ނެތުމުގެ ސަބަބުން މާލެ ގެންނަން ޖެހުނު ހާދިސާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ އާމްދަނީއާއި ގުޅިފައިވާ މަސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަސްދޯނި ފަހަރަށް ބޭނުންވާ މިންވަރާއި ގާތަށްވެސް ރާއްޖެއަށް އެން ނުލިބޭތީ ޑައިވްކޮށްގެން އެން ހިފުމަށް މަސްވެރިންނަށް މަޖުބޫރުވެފައިވާކަމަށެވެ.
އެގޮތުން އެން ހިފުމަށް ޑައިވް ކުރާ ފަރާތްތައް "ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް" (ޑީކޯ) ވުމަކީ އާއްމުކޮށް ކުރިމަތިވަމުން އަންނަ ނުރައްކާތެރި މައްސަލައެއް ކަމަށް މެމްބަރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޑިކޯވާ ފަރާތްތަކަށް އަވަސްފަރުވާ ދެވޭނެ އެއްވެސް ވަސީލަތްތަކެއް މަސްވެރި އަތޮޅުތަކުގައި ގާއިމުވެފައި ނެތުމުގެ ސަބަބުން ދިވެހި އެތައް މަސްވެރިންނެއްގެ ފުރާނަ ގެއްލި، އަދި އެތައް ބަޔަކު ނުކުޅެދޭ ހާލަތުގައި އުޅެންޖެހިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ކުއްލި މައްސަލަ ހުށަހެޅުމުގެ މަގްސަދަކީ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ހަރުދަނާ ފިޔަވަޅުތައްނާޅުއްވާ ތިބުމުގެ ނަތީޖާއެއްގެ ގޮތުން ދެ މަސްވެރިއަކަށް ލިބެންޖެހޭ ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުންވެސް ލިބެން ނެތުމުގެ ސަބަބުން މާލެ ގެންނަން ޖެހުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ދިމާވެފައިވާ ނުރައްކާތެރި، ހިތްދަތި މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.
މި ކުއްލި މައްސަލަ ވަނީ ބަހުސްކުރުމަށް ބަލައިގެންފައެވެ. އަދި ކުއްލި މައްސަލައިގެ ބަހުސްވެސް ކުރިއަށްގެންގޮސްފައިވެއެވެ.
އެމްއެންޑީއެފުން ބުނީ، ޑީކޯވެގެން ފަރުވާ ދެމުން އަންނަނީ އުމުރުން 27 އަހަރާއި 39 އަހަރުގެ ދެ ދިވެހިންނަށް ކަމަށެވެ.