ހޮންކޮންގެ އެތައް ހާސް ބަޔަކު މުޒާހަރާ ކުރުމަށް އެއްވެފައި ތިބި ޕޮލެޓެކްނިކް ޔުނިވަރސިޓީ އެ ގައުމުގެ ފުލުހުން ވަށައިލައިފިއެވެ.
ހޮންކޮންގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދިޔަ މީހުން އެގައުމުގެ ޕޮލެޓެކްނިކް ޔުނިވަރސިޓީ ކެމްޕަހެއްގައި ހަރަކާތްތެރިވާން ފެށީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެ މީހުންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތައް ވަނީ ހިނގައިފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާއި ދިމާލަށް ޕެޓްރޯލް ބޮން އުކާ ދުނި ޖަހައިފައެވެ. އަދި ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ކަރުނަ ގޭހާއި ފެން ޖަހައިފައެވެ.
ފުލުހުން ހޯމަ ދުވަހު ޔުނިވަރސިޓީ ތެރެއަށް ވަންނަން އުޅުމުން މުޒާހަރާގެ ބައިވެރިން ވަނީ އިތުރަށް ޕެޓްރޯލް ބޮމުން ފުލުހުންނަށް ހަމަލާ ދީފައެވެ. އަދި މުޒާހަރާގެ ބައިވެރިން ޔުނިވަރސިޓީ ދޫކޮށް ދާން އުޅުމުން ވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ޖަހައިފައެވެ.
ޕޮލެޓިކްނިކް ޔުނިވަރސިޓީގެ އޮފިޝަލަކު ބުނީ އެ ޔުނިވަރސިޓީގައި ތިބި ދަރިވަރުން ޔުނިވަރސިޓީ ދޫކޮށް ދިޔުމަށް އަންގައިފައިވާނެ ކަމަށާއި މިވަގުތު އެތަނުގައި ތިބީ އެކްޓިވިސްޓުން ކަމަށް ބުނެފައެވެ.
ހޮންކޮންގެ ފުލުހުން ވަނީ ޔުނިވަރސިޓީގައި ތިބި މީހުން ހަތިޔާރު ބެހެއްޓުމަށްފަހު ޔުނިވަރސިޓީ ދޫކޮށް ދިޔުމަށް އަންގައިފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނަމުން އަންނަނީ ފުލުހުން އުޅެނީ އެމީހުން ހައްޔަރު ކުރުމަށް ކަމަށް ތުހުމަތު ކުރަމުންނެވެ.
ހޮންކޮންގައި އޭޕްރީލް މަހު ފެށުނު މުޒާހަރާތަކުގައި ޔުނިވަރސިޓީ ފަދަ ތަންތަނަށް މުޒާހަރާގެ ބައިވެރިން ދަނީ ވަންނަމުންނެވެ. އެގޮތުން ޗައިނީސް ޔުނިވާސިޓީ އޮފް ހޮންކޮންގ އަށް ވެސް މުޒާހަރާގެ ބައިވެރިންވަނީ ވަދެފައެވެ. މި ކަމުގެ ސަބަބުން އެ ޔުނިވަރސިޓީގެ ކިޔެވުން ވަނީ މެދު ކަނޑައިލައިފައެވެ.