އުމުރުން ދުވަސްވީ މީހުންނަށް ރެސިޑެންޝަލް ފެސިލިޓީ އެއްގެ ގޮތުގައި ހަމައެކަނި ޚިދުމަތް ދެމުންދަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމަށާއި، އެތަނުގައި އުމުރުން ދުވަސްވީ މީހުންނަށް ޚިދުމަތްދިނުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ދޮށީ އުމުރުގެ މީހުންނާ ބެހޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހްކުރުމާއި ގައުމީ މާމަ، ކާފަ ދުވަސް އިއުލާން ކުރުމަށް ހޯމަ ދުވަހު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ ރާއްޖޭގައި މިހާރު އުމުރުން ދުވަސްވީ މީހުންނަށް ރެސިޑެންޝަލް ފެސިލިޓީއެއްގެ ގޮތުގައި ހަމައެކަނި ޚިދުމަތް ދެމުންދަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމަށާއި، ނަމަވެސް އެމަރުކަޒަކީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކުރެވިގެން އުފެދިފައި ހުރި ތަނެއް ނޫން ކަމަށެވެ.
އެހެންކަމުން އެތަނުގައި އުމުރުން ދުވަސްވީ މީހުންނަށް ޚިދުމަތްދިނުމަށް ދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި، އެތަނުގައި ޚިދުމަތް ދިނުމަށް ފެސިލިޓީތައް ގާއިމް ކުރުމަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމައްސަލަތައް ހައްލުކުރުމަށް މިހާރު ރެސިޑެންޝަލް ހޯމްއެއް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.
އެހެންކަމުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ރެސިޑެންޝަލް ހޯމްއެއް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން. އެގޮތުން އޭގެ އަމަލީ މަސައްކަތްތައް ކުރުމަށް މިހާރު މިވަނީ މާލެ ސަރަހައްދުގައި ބިމެއް ކަނޑައެޅި އޭގެ އެޑްމިނިސްޓްރޭޓް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި. އަދި ކުރިއަށް އޮތް މިއޮތް އަހަރުގެ ތެރޭގައި އެތަން ހެދުމުގަ އަމަލީ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.ޝިދާތާ - ޖެންޑަރ މިނިސްޓަރު
ތަފާތު ޖެނެރޭޝަންތަކުގައި މީހުން ދިރިއުޅިފައިވާ ގޮތް ވަރަށް ތަފާތުވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ޝިދާތާ ވިދާޅުވީ މިއަދު ކުދިންނަށް މިކަމާބެހޭ މައުލޫމާތާއި، ތަމްރީންތައްދެވި، ގިނަ ކަންކަން ސުކޫލްގެ މާހައުލުން ވެސް ދަސްކޮށްދެވިއްޖެ ކަމުގައިވަނީ ނަމަ، މިމުޖުތަމައުގެ ތެރެއިން ފެންނަ ނޭދެވޭ ކަންކަން ވަރަށް ބޮޑުތަން ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި އުންމީދަކީ މިފަދަ ކަންކަމާއެކު އަޅުގަނޑުމެންގެ ދަރިން މުޖުތަމައުގަ ތިބި އުމުރުން ދުވަސްވީ މީހުންނަށްށާއި، ސީނިއަރ ސިޓިޒަންއަށް އޯގާތެރިވެ އަޅާލާ، އެމީހުންނަށް އިހުތިރާމް އަދާކުރަން ދަންނަ ބައެއްގެ ގޮތުގައި އެކުދިން ބޮޑުވެގެން ދިއުން ކަމަށެވެ.