ޑރ އަފްރާޝީމް އަލީ އަވަހާރިކޮށްލި މައްސަލާގައި އެމްޑީޕީ ބަދުނާމު ކުރުމަށް އެކިއެކި ސިޔާސީ ފަރާތްތަކުން ކަންކޮށްފައިވާ ގޮތާއި އޭރުގެ ފުލުސް އޮފީހަށް އެކަން އެނގިތިބެ އެކަން ފާހަގަކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފި އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލި ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓްގެ ހުލާސާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިއްވަވަމުން ރައީސް ނަޝީދު ވަނީ އެ ރިޕޯޓުން އެމަނިކުފާނަށް ފާހަގާ ކަންތައްތަކެއް ހިއްސާކުރައްވާފަ އެވެ. އެގޮތުން ފާހަގަކުރެއްވި އެއް ކަމަކީ 4 ޑިސެމްބަރ 2012 ގައި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅެވެ.
ޑރ އަފްރާޝީމްގެ މަރަކީ ދީނީގޮތުން ހިޔާލު ތަފާތުވާ މީހުންގެ ފަރާތުން އައި ކަމެއްކަމުގެ އެއްވެސް ހެއްކެއްނެތް ކަމަށާއި ޑރ އަފްރާޝީމް މަރާލީ ހަތަރު މިލިއަން ރުފިޔާ ދީގެން ސިޔާސީ ބޭނުމެއްގައި ކަމަށް އަބްދުﷲ ރިޔާޒު ވިދާޅުވެފައިވޭ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ޑރ އަފްރާޝީމް އާ މެދު ނަފްރަތު އުފެއްދުމަށް މަސައްކަތްކުރި މީހުން ގިނަ ކަމަށާއި އޭގެތެރޭގައި ސަލަފް ޖަމިއްޔާ އާއި ހަބޭސް ޔޫޓިޔުބް ޗެނަލް ކިޔާ ޔޫޓިޔުން ޗެނަލަކުން ޑރ އަފްރާޝީމަކީ ނުރައްކާތެރި މީހެއްކަމަށް ސިފަކޮށްފައިވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ޑރ އަފްރާޝީމް އާއި އެހެން ބައެއް ދީނީ އިލްމުވެރިންނާއި ހިޔާލު ތަފާތުވާ މައިގަނޑު ކަންތައްތަކެއް ހުންނަ ކަމަށެވެ. އޭގެތެރެއިން ރިޕޯޓުން ފާހަގަވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ނަދުރު ބުނުމާއި އަންހެނާގެ އައުރަ އާއި ދީނުން ބޭރުވުމުގައި ކޮބައިތޯ އާމެދު ޑރ އަފްރާޝީމް ގެންގުޅުއްވާ ވިސްނުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެކިއެކި ފަހަރުމަތިން އަފްރާޝީމަށް އުނދަގޫކޮށް އަނިޔާކޮށްފައިވާ މީހުންނާމެދު އަދިވެސް ފިޔަވަޅު އެޅިފައިނުވާކަމަށެވެ. މީގެއިތުރުން މިމައްސަލާގައި އެންމެ ބޮޑަށް ޝާމިލްވާ ކަމަށް ތުހުމަތުކުރާ އަޒްލިފް ރައޫފް ގެ ކަންކަން އެނގިތިބެ އޭނާގެ ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ކުރީ ސިޔާސީ ފަރާތްތައް ނިވަލުގައި ތިބެކަން ރިޕޯޓުން ސާފުވާކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ފުލުހުސް އޮފީހުގައިވާ ބައެއް ތަކެތި ކޮމިޝަނަށް ނުލިބިވާތީ އެކަމާ ކަންބޮޑުވުވެ ވަޑައިގަންނަވާކަމަށެވެ. އަދި ތަހުގީގުކުރުމުގައި ދިމާވި ގޮންޖެހުންތަކުގެ ތެރޭގައި ފުލުހުން ހޯދާ އެއްކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ސީސީޓީވީ ފުޓޭޖް އާއި އިންޓަލިޖެންސް މައުލޫމާތާއި ކޯލްޑޭޓާގެ ތެރެއިން ބައެއް ތަކެތި ނުލިބިވާ ކަމީ ކޮމިޝަނަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑަށް ދެން ފާހަގަވި ކަމަކީ ރިޕޯޓްގައި ފައިސާގެ ވާހަކަ އައިސްފައިވޭ. ރިޕޯޓްގައި އަފްރާޝީމް މަރާލި ކޮންޓްރެކްޓަށް ހަތަރު މިލިއަނާއި ނުވަތަ ހަމިލިއަން ހޭދަކޮށްފައިވާކަމަށް ރިޕޯޓުން ފާހަގަވޭ. މިފައިސާ ގޮސްފައިވާ މަގުތައް އިތުރަށް ތަހުގީގުކުރުމުގެ ބޭނުންތެރިކަން ވަރަށް ބޮޑު. މި މަސައްކަތްތަކަކީ އަޅުގަނޑަށް ފެންނަގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިހާރުވެސް ހިންގޭނެ ކަންކަންރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވިކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ މީހުންގެ އިތުރުން އިތުރު މީހުން ޝާމިލްވާކަމަށް މިރިޕޯޓުން ސާފުވާކަމަށެވެ. ޑރ އަފްރާޝީމް އަވަހާރަކޮށްލިއިރު އެ ގޭ ތެރޭގައި އިތުރު ބަޔަކު އުޅުނުކަން ރިޕޯޓުން ހާމަވާކަމަށް ނަޝީދު ވިދާޅުވި އެވެ.
އެގެ ކައިރީގައި ހުންނަ ރެސްޓޯރެންޓެއް ކަމަށްވާ ކްރަސްޓީސް ރެސްޓޯރެންޓްގައި ފަގުޑި އަޅައި ކުރުތާ ލައިގެން ތިބި ތިން މީހުން ތިބި ކަމަށް ރިޕޯޓްގައި ބަޔާންކުރޭ. މި މީހުންނަކީ ކޮބައިކަމާއި އަދި މިމީހުން ކުރި ކަމަކީ ކޮބައިކަން އަދި ތަފްސީލުކޮށް އެނގެންޖެހޭ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ ޑރ އަފްރާޝީމް އަވަހާރިކޮށްލި މައްސަލާގައި ޝާމިލްވާ ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ދައުވާ ކުރެވޭނެކަމަށެވެ. އެމިންވަރަށް މިރިޕޯޓްގައި ހެއްކާއި ގަރީނާ ހުރިކަމަށް ގާނޫނީ ލަފާލިބޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގައި ހިނގާ ހަރުކަށި ފިކުރުގެ ކަންކަން އަވަހަށް ތަހުގީގުކޮށް ނުހުއްޓުވިއްޖެނަމަ ރާއްޖެ ހަރާބު މަގަށް ދާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކަމާބެހޭ ފަރާރްތަކުން ރިޕޯޓްގެ މައްޗަށް އަމަލުކުރަން އަވަސްވުމަކީ އެދިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.