ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދީފައިވަނީ ތެދުނޫން މައުލޫމާތެއް ކަން އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުން ހާމަވެއްޖެއެވެ.
އާދީއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓުގެ ހުލާސާ އިއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ޑރ. އަފްރާޝީމް މަރާލާފައިވަނީ ވަކި ޚާއްސަ ވާހަކަތަކެއް ދައްކާތީ ކަމުގައި ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށެވެ.
އެވާހަކަތަކުގެ ތެރޭގައި ޑރ. އަފްރާޝިމް ވިދާޅުވީ ދީނީ އިލްމުވެރިއެއްގެ މެދުގައި ކަމަކާއި މެދު ޚިޔާލު ތަފާތުވުން އުފެދިއްޖެނަމަ އެއީ ކަނޑައެޅިގެން ވާޖިބު، ބިދުއަ ނުވަތަ ކަނޑައެޅިގެން ދީނުން ބޭރުވާވަރުގެ މައްސަލައެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށާއި އެފަދަ މައްސަލަތަކަކީ ކަނޑައެޅިއިގެން ވަކިގޮތެއް ނިންމޭނެ މައްސަލަތަކެއް ނޫން ކަމަށެވެ. އެހެން ކަމުން އެ ފަދަ މައްސަލަތަކުގައި މުސްލިމް އަޚުން އެއްބަޔަކު އަނެއްބަޔަކަށް ޖަދަލުކޮށް، ޒުވާބުކޮށް އެއްޗެހި ގޮވާ ހެދުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނޭ.މަރު ކޮމިޝަންގެ ރިޕޯޓް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މަރު ކޮމިޝަނަށް ފޮނުއްވެވި ސިޓީގައި ޑރ.އަފްރާޝީމް އެ ދުވަހު އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫންކަމަށް ވިދާޅުވިޔަސް، އެ ދެ ބޭފުޅުންގެ ތެރޭގައި ބަދަލުކުރެވުނު އެސްއެމްއެސްތަކުން ހާމަވެގެންދާ ކަމަށެވެ. ޑރ. ޝަހީމަކީ އަފްރާޝީމް މަރާލި ދުވަސްވަރު، އޭރުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.
ކޮމިޝަން ރިޕޯޓުގެ 5.30 ގައި 28 ޖުލައި 2019 ގައި ޑރ. ޝަހީމް ކޮމިޝަނަށް ލިޔުމުން ފޮނުވާފައިވާ މައުލޫމާތުގައި 1 އޮކްޓޯބަރު 2012 ވަނަ ދުވަހު ޑރ. އަފްރާޝީމް ޑރ. ޝަހީމާއި ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެއްވެސް ވަރަކަށް ޑރ ޝަހީމް އެދިވަޑައިގެންނޫންކަމަށް ވިދާޅުވި ނަމަވެސް ދެފަރާތުގެ ދެމެދުގައި އެދުވަހު އެސްއެމްއެސްއިން ބަދަލު ކުރެވިފައިހުރި މެސެޖުތަކަށް ބަލާއިރު 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ މެންދުރު 1 ޖަހާއިރަށް އިސްލާމިކް މިނިސްޓްރީއަށް ޑރ. އަފްރާޝިމް ވަޑައިގަތުމަށް ދެންނެވީ މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމާއި ޑރ. އަފްރާޝިމް ޓީވީ ޕްރޮގްރާމަށް އެރޭ ސީދާ އެރުމަށް އެދިލެއްވީ އޭނާއަށް ޕްރޮގްރާމަށް އެރޭނެ ކަމުގެ ޔަގީންކަން ކޮންފަރާތަކުން ދީގެން ކަމެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިމަރު ކޮމިޝަންގެ ރިޕޯޓް
ޑރ. އަފްރާޝީމް އަނބުރާ ދީނަށް ރުޖޫއަވެ، މީޑިއާގައި އިއުލާނު ކޮށްފިއްޔާމުން ކިތަންމެހާވެސް ރަނގަޅުކަމަށް ބުނެ ޑރ. ޝަހީމަށް ލިބިފައިވާއިރު، އެ މެސެޖު ޑރ. ޝަހީމް ވަނީ ޑރ. އަފްރާޝިމަށް ފޯވަރޑުކޮށްފައެވެ. މި މެސެޖު ފޮނުވާފައިވަނީ ކޮންފަރާތަކުންތޯ ކޮމިޝަނުން ސުވާލު ކުރުމުން އެ މެސެޖު ޑރ. ޝަހީމަށް ފޮނުވީ ކާކުކަން ހަނދުމަފުޅުގައި ނެތް ކަމަށް ޑރ. ޝަހީމް ވަނީ ކޮމިޝަނަށް މައުލޫމާތު ދީފައެވެ.
ޑރ. އަފްރާޝީމް އަނބުރާ ދީނަށް ރުޖޫއަވެ، މީޑިއާގައި އިއުލާނުކޮށްފިއްޔާމުން ކިތަންމެހާވެސް ރަނގަޅުކަމަށް ބުނެ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަށް މީހަކު ފޮނުވާފައިވާ މެސެޖު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 12 ސެޕްޓެމްބަރު 2012ގައި ޑރ. އަފްރާޝީމްއަށް ފޯވަރޑުކޮށްފައިވާތީ އެ މެސެޖު ޑރ. ޝަހީމް އަލީ ސައީދުއަށް ފޮނުވީ ކޮންފަރާތަކުންކަން ސާފު ކުރުމަށް ކޮމިޝަނުން އެދުމުން ޑރ ޝަހީމް ވިދާޅުވެފައިވަނީ އެ މެސެޖު ޑރ ޝަހީމުއަށް ފޮނުވީ ކާކުކަން ހަނދުމަފުޅުގައި ނެތްކަމަށް.މަރު ކޮމިޝަންގެ ރިޕޯޓް
އޭގެ އިތުރުން ޑރ. އަފްރާޝީމް އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ޓީވީ ޕްރޮގްރާމްގައި ބައިވެރުވުމަށް ހުށައެޅުއްވީ ޑރ. ޝަހީމް ކަމަށް ރިޕޯޓުގައިވެއެވެ. އަދި ޑރ. އަފްރާޝީމަށް އެ ޕްރޮގްރާމްގައި ބައިވެރިނުވެވިއްޖެ ހާލަތެއްގައި، އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައުބާވެވަޑައިގަތުމުގެ ފުރުސަތު މަގުފަހި ކޮށްދެއްވުމަށްވެސް ޑރ. ޝަހީމު ހުށައެޅުއްވިއެވެ. ޑރ. ޝަހީމް މަރު ކޮމިޝަނަށް ދެއްވީ ތެދު ނޫން މައުލޫމާތު ކަމަށް އެ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ޑރ. އަފްރާޝީމް އެރޭ ޓީވީއަށް އަރަން ބޭނުންފުޅުވެލެއްވީ ކީއްވެގެންކަން ޑރ. ޝަހީމަށް ނޭނގޭ ކަމަށް ވިދާޅުވެފައި އޮތުމުންނެވެ.
ނަމަވެސް ޑރ. އަފްރާޝީމް ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމަށް އެރުމުގެ ވާހަކަ އޭގެ ކުރިންވެސް އެދެބޭފުޅުންގެ ދެމެދުގައި ދެކެވިފައިވާ ކަމާއި ހޯމަ ވިލޭރޭގެ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ޑރ. ޝަހީމު ކަމާއި އަދި އެޕްރޮގްރާމަށް ޑރ. އަފްރާޝީމް އަރުއްވާން ބޭނުންފުޅުވީ ކީއްވެގެންކަން ޑރ. ޝަހީމަށް އެނގިވަޑައިގަންނަވާކަމާއި އެއީ ކުރިން ޑރ. އަފްރާޝީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މާފަށް އެދުމަށް ނުވަތަ ތައުބާވާންކަން އާއްމުކޮށް އިއުލާން ކުރުމަށް ކަން ޑރ. ޝަހީމަށް އެނގިވަޑައިގަންނަވާފައިވާކަމާއި އަދި އެރޭގެ ޕްރޮގްރާމަށް އެރޭގޮތަށް ހަމަނުޖެހިއްޖެ ނަމަ އެބޭނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވައި ދެއްވަން، ޑރ ޝަހީމް ހުށަހަޅުއްވާފައި ވާކަންވެސް ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ މެސެޖުތަކުން ސާފުވޭ. ވީމާ އެ ޕްރޮގްރާމަށް އެރޭ އެރޭނެ ކަމުގެ ޔަގީންކަމެއް ދެވޭނެ ފަރާތެއް ނުހުންނާނެ ކަމަށާއި އެރެއަށް ސީދާ އެޕްރޮގްރާމަށް ޑރ. އަފްރާޝީމް އަރަން ބޭނުންވީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް ވިދާޅުވެ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫން ކަން އެނގެއެވެ.މަރު ކޮމިޝަންގެ ރިޕޯޓް
2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ދަންވަރު ޑރ. އަފްރާޝީމް މަރާލުމަށްފަހު ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށް، އެ ޖަމާއަތުން މާލޭގައި ހިންގާފައިވާ އެކި އެކި ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު މާލެއިން ގަތަރަށް ފުރި ފްލައިޓުން ސީރިއާއާއި ސޫދާނަށް ފުރާފައިވާކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވެއެވެ. އަދި ހަމަ އެދުވަހު ޑރ. ޝަހީމްވެސް ފުރާވަޑައިގެންނެވި ކަމަށް ވެއެވެ.
ޑރ އަފްރާޝިމް 1 އޮކްޓޯބަރުގެ ރޭ މަރާލުމަށްފަހުގައި 2 އޮކްޓޯބަރުގައި ބަޔަކު ފުރައިގެން ދިޔަ. ކޮމިޝަން ރިޕޯޓުގައި ވަނީ 2 އޮކްޓޯބަރު 2012 ވަނަ ދުވަހު ހެނދުނު މާލެއިން ގަތަރަށް ފުރި "ކިއު-އާރު 381" ފްލައިޓުން ސީރިއާއާއި ސޫދާނަށް ގދ ވާދޫ، ޖަވާހިރުގޭ ޖާދުއްﷲ އިބްރާހީމުއާއި މ. ހާދޫ މުހައްމަދު ނިޝާނުގެ އިތުރުން ފުރި އަނެއް 7 މީހުންނަކީ އަބްދުﷲ ބަޝީރު ފައުޒީ (ގއ.ވިލިގިލި)، އަހުމަދު ޔުޝްރީ މުހައްމަދު ޝަރީފު (ގ. ވީނަސްވިލާ)، މުހައްމަދު ޝަފީގު (ބަރުލީނުގެ، ހއ. ދިއްދޫ)، މުހައްމަދު ތަސްނީމް (ގ. ސިނަމާލެ 2)، އައިޝަތު ނަހުލާ އަބްދުއްލަތީފް (ވ. މަދަން) އިބްރާހިމް އުޝާމް (އޯކިޑުވާދީ، ގ ދެއްވަދޫ) މިފްޒާލް މުހައްމަދު (ބީޗް ރެސްޓު ،އއ ހިމަންދޫ). މި އެންމެންނަކީ ވެސް މާލެ ދަފްތަރު 441 މުހައްމަދު މަޒީދުއާއި ތ.އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު އިސްވެ ތިބެގެން ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށް މި ޖަމާއަތުން މާލޭގައި ހިންގާފައިވާ އެކި އެކި ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނެވެ. އިއްޒަތްތެރި މެމްބަރުން، 2 އޮކްޓޮބަރުގައި ދެން ފުރާވަޑައިގެންނެވި އަނެއް ބޭފުޅަކީ ޑރ ޝަހީމް.ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޑރ. އަފްރާޝީމް މަރާލާފައިވަނީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ސްޓެލްކޯ ސަރަހައްދުގައި ހުންނަ ހ. ފުންވިލު ސިޑި ގޮޅި ސަރަހައްދުގައެވެ. އަފްރާޝީމް މަރާލުމުގެ ދައުވާ ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. އަދި އެ މައްސަލައިގާ ހައްޔަރުކުރި އެހެން މީހުންގެ މައްޗަށް އެކަމުގެ އެއްވެސް ކަމެއް ސާބިތު ނުވެ އެ މީހުން ވަނީ މިނިވަންވެފައެވެ.