ރައިސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައިއިރު ޓުއަރިޒަމް މިނިސްޓްރީއާއި އެ މިނިސްޓްރީއާއި ގުޅުން ހުރި ގިނަ ކުންފުނިތަކަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ކުންފުނިތަކެވެ. މިނިސްޓަރ އަލީ ވަހީދު އަބަދުވެސް ވިދާޅުވާ ފަދައިން ފާއިތުވި ފަސް އަހަރާއި ޚިލާފަށް ވަގު ޓްވިޓަރ އެކައުންޓަކުން ވެސް މިއަދު ޓުއަރިޒްމް މިނިސްޓްރީއިން އެ ފަދަ އަމަލެއް ހިންގި ކަމުގެ އިނގިލި ދިގު ކުރާ ތަނެއް ނުފެނެއެވެ.
ސަރުކާރަށް އަހަރެއް ވެގެން ދާއިރު، ކުރިން ކޮރަޕްޝަނުގެ ތުހުމުތުތަކުން ކިލަނބުވެފައިވާ ޓުއަރިޒަމް ހަގީގަތުގައިވެސް ބަބުޅާ ވިދަނީ އެވެ. ކުރިން މިނިސްޓްރީއިން ހިންގި ޖަރީމާ ހިންގުމުގެ ބަދަލުގައި މިއަދު ފެނިގެންދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހަގީގީ މަސައްކަތް ކުރެވެމުންދާ މަންޒަރެވެ.
2019 ނިމިގެންދާއިރު 1.6 މިލިއަން ފަތުރުވެރިން ޒިޔާރާތް ކުރާނެ
ޓުއަރިޒަމް މިނިސްޓްރީން މިއަހަރު ހޯދި ކާމިޔާބީތަކަށް ބަލާލާއިރު ފަތުރުވެރިކަމުގެ އިންސައްތަ ހުރީ 15 އިންސައްތައާއި 16 އިންސައްތައާއި ދެމެދުއެވެ. އެގޮތުން މިދިޔަ އަހަރު 1.4 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއަހަރު އަމާޒުހިފާފައި އޮތީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މި ނޮވެމްބަރު މަސް ނިމުމުގެ ކުރިން މި އަމާޒަށް ވާސިލްވާނެ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އޭގެ އިތުރަށް، ކުރިން އަންދާޒާ ކުރި ކުރިއެރުން ފަހަނައަޅާ ގޮސް، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ. އެގޮތުން 2019 ވަނަ އަހަރު ނިމިގެންދާއިރު 1.6 މިލިއަން ފަތުރުވެރިންނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެެއަށް ޒިޔާރާތް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.
ޓުއަރިޒަމް ފެސިލިޓީތައް އިންސްޕެކްޝަން ކުރުން
ފާއިތުވި ފަސްއަހަރު ރަށް ދޫ ކުރާ މިނިސްޓްރީއެއްގެ ގޮތުގައި އެންމެންވެސް ސިފަ ކުރަމުން އައި މިނިސްޓްރީ އިން ވަނީ މި އަހަރުގެ ތެރޭގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ތަނެއް ބަލާ ފާސްކޮށް، އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި އިންސްޕެކްޝަންގެ ތެރެއިން ރާއްޖޭގެ 20 އަތޮޅެއްގައި ހުންނަ 1061 ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ވަނީ ބަލާފާސްކޮށްފައެވެ.
މީގެ ތެރޭގައި މީހުން ދިރިއުޅޭ 81 ރަށެއްގައި ހިންގާ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނާއި، 143 ރިޒޯޓާއި 3 ޔޮޓު މެރީނާއާއި 10 ޓޫރިސްޓު ހޮޓެލް އަދި 535 ޓުއަރިސްޓު ގެސްޓު ހައުސްގެ އިތުރުން 194 ޑައިވް ސެންޓަރު ހިމެނެއެވެ. މިސަރުކާރު އައި އިރު މިފަދަ ރެކޯޑެއް ބެލެހެއްޓިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ފަތުރުވެރިކަމަށް ދޫ ކުރާ ރަށްތައް ކަނޑައެޅުން
ފަތުރުވެރިކަމަށް ދޫ ކުރާ ރަށްތައް އަންނަ ހަފްތާގެ ތެރޭގައި އިއުލާން ކުރެވިގެންދާއިރު މިނިސްޓްރީއިން ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ ފަތުރުވެރިކަން ނެތް ހިސާބުތަކަށެވެ. އެގޮތުން ހއ އަތޮޅު، ހދ އަތޮޅު، ށ އަތޮޅު، މ އަތޮޅު، ފ އަތޮޅު، ލ އަތޮޅު، ގއ އަތޮޅު، އަދި ގދ އަތޮޅު ހިމެނެއެވެ. ދެވަނަ ބުރުގައި ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ އާ ލިސްޓެއް އާއްމު ކުރުމަށް ހަމަޖެހިފައިވާއިރު އަންނަ އަހަރުގެ ކުރީ ކޮޅު އެރަށްތަކުގެ އަމަލީ މަސައްކަތްތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ވޯރލްޑް ރެކޯޑް ގާއިމުކުރުން
މިއަހަރުގެ އުސްއަލިތަކަށް ބަލަލާއިރު ރާއްޖޭގައި ވޯރލްޑް ރެކޯޑްތައް ގާއިމު ކުރުން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖެއިން ވަނީ ދުނިޔޭގެ ފްރީޑައިވް ރެކޯޑް މުގުރާލާފައެވެ. މި ރެކޯޑް މުގުރާލާފައި ވަނީ 521 ޑައިވަރުންނާ އެކު ޑައިވްކޮށްގެންނެވެ. ރެކޯޑް މުގުރާލުމަށް ބޭއްވި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ސަރުކާރުގެ އިސްވެރިން ބައިވެރިވުމަކީ މި ރެކޯޑަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދިޔަ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން "ސްޕޯޓްސް ޓުއަރިޒަމް ޑެސްޓިނޭޝަން" އެއްގެ ނަމުގައި ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ވަނީ ޖޮގްލިންގް ވޯލްޑް ރެކޯޑް މުގުރާލާފައެވެ. މި ރިކޯޑް ރާއްޖޭގައި ހެދުމަށް ގެނައީ އެ ވޯލްޑް ރެކޯޑް ކުރިންވެސް ހަދައިފައިވާ މައިކަލް ކަޕްރާލް އެވެ. އޭނާ ވަނީ އައްޑޫ ސިޓީގައި 10 ކިލޯމީޓަރުގެ ދުވުން 55 މިނެޓާއި 48 ސިކުންތުގެ އަމިއްލަ ރެކޯޑް މުގުރާލާފައެވެ.
ހާމަކަން ބޮޑު ގޮތަކަށް މައުލޫމާތު ފޯރުކޮށްދޭ މިނިސްޓްރީއެއް
ޓުއަރިޒްމް މިނިސްޓްރީ ފާހަގަކޮށްލެވެނީ ކޮންމެ މަހަކު އެއްފަހަރު ނަމަވެސް މީޑިއާއާއި ބައްދަލުކޮށް، ވުޒާރާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ހާމަ ކުރަމުންދާ އެއް މިނިސްޓްރީގެ ގޮތުގައެވެ. ދެ ފުށް ފެންނަ، "ގުޑް ގަވަނަންސް" އަދި ނަޒާހާތްތެރިކަން ދެމެއްޓުމަށް މަސައްކަތް ކުރަމުންދާ އެއް މިނިސްޓްރީއަށް ޓުއަރިޒަމް މިނިސްޓްރީ ވެގެންދާނެކަމީ ކަށަވަރުކަމެވެ.
ފާއިތުވި ފަސްއަހަރާއި ޚިލާފަށް އަޅުގަނޑުމެންނަށް މި ފެނިގެންދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީއިން ކުރަމުންދާ މަންޒަރެވެ. ކުރިން ރައްޔިތުން މިނިސްޓްރީއާއި މެދު ރައްޔިތުން ދެކެމުން އައި ގޮތް މިވަނީ ބަދަލުކޮށް ތަފާތު ދައްކާފައެވެ. ކުރިން ކޮރަޕްޝަނުން ކިލަނބުވެފައި އޮތް މިނިސްޓްރީ މިއަދު ވިދާ ބަބުޅަމުންދާއިރު "އޭ ޕްލަސް" އެއް ހައްގެވެ.