ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކު އެކައުންޓަކަށް 57 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ހާމަވެއްޖެ އެވެ.
"ރާއްޖެއެމްވީ"އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ އެކައުންޓަކީ ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ ކުރާ 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށްބުނާ، އިސްލާމިކް ބޭންކުގައި އޮންނަ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓެވެ.
އެ އެކައުންޓުން ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރ ކުރުމުގެ ދައުވާގެ އަސްލު ކަމަށްވާ، 1 މިލިއަން ޑޮލަރުގެ ޖަމާކޮށްފައިވަނީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 12 އަދި 13 ވަނަ ދުވަހު 500،000.00 ޑޮލަރުގެ ދެ ޗެކަކުން ނެވެ.
މީގެއިތުރުން ވެސް، ވަރަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައި ވެއެވެ. އޭގެ ތެރޭގައި އެއްފަހަރާ 10 މިލިއަން ރުފިޔާގެ ނަގުދު ފައިސާ 2015 ވަނަ އަހަރުގެ ޖުލައި 5 ވަނަ ދުވަހު ޖަމާކޮށްފައިވާއިރު، ޖެހިގެން އައި ޖުލައި 6 ވަނަ ދުވަހު ވެސް 10 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ.
އިސްލާމިކް ބޭންކުގައި އޮންނަ ރައީސް ޔާމީނުގެ ބޭންކް އެކައުންޓަށް 41 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާއިރު، ޑޮލަރުން ޖަމާކޮށްފައިވަނީ ހަމައެކަނި އެސްއޯއެފުން ޖަމާކުރި ކަމަށް ބުނާ 1 މިލިއަން ޑޮލަރު އެކަންޏެވެ. އެހެންކަމުން އެ އެކައުންޓަށް 57 މިލިއަން ރުފިޔާއަށްވުރެ ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގެއެވެ.
ރައީސް ޔާމީނުގެ އަމިއްލަފުޅު އެ އެކައުންޓަށް ބަލާއިރު، ގިނަ އަދަދެއްގެ ފައިސާ ނަންގަވާފައިވެސް ވެއެވެ. އަދި 17 ފެބްރުއަރީ 2016ގެ ނިޔަލަށް އެމަނިކުފާނުގެ އެ އެކައުންޓަގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް ވެއެވެ.
- 1. 2013 ނޮވެމްބަރު 28 ގައި: 2،000،000.00ރ ނަގުދު ފައިސާ
- 2. 2013 ނޮވެމްބަރު 28 ގައި: 2،000،000.00ރ ނަގުދު ފައިސާ
- 3. 2013 ޑިސެމްބަރު 03 ގައި: 4،700،000.00ރ ނަގުދު ފައިސާ
- 4. 2014 ޖެނުއަރީ 29 ގައި: 2،500،000.00ރ ނަގުދު ފައިސާ
- 5. 2014 އޭޕްރީލް 23 ގައި: 5،000،000.00ރ ނަގުދު ފައިސާ
- 6. 2015 މެއި 12 ގައި: 3،000،000.00ރ ނަގުދު ފައިސާ
- 7. 2015 މެއި 12 ގައި: 2،000،000.00ރ ނަގުދު ފައިސާ
- 8. 2015 ޖުލައި 5 ގައި: 10،000،000.00ރ ނަގުދު ފައިސާ
- 9. 2015 އޮގަސްޓް 6 ގައި: 10،000،000.00ރ ނަގުދު ފައިސާ
- 10. 2015 އޮކްޓޯބަރު 12 ގައި: 500،000.00 ޑޮލަރު، ޗެކަކުން
- 11. 2015 އޮކްޓޯބަރު 13 ގައި: 500،000.00 ޑޮލަރު، ޗެކަކުން
- 12. 2015 ޑިސެމްބަރު 17ގައި: 400،000.00ރ ޗެކަކުން
- 13. 2015 ޑިސެމްބަރު 30 ގައި: 150،000.00ރ ޗެކަކުން
ރައީސް ޔާމީނުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ މުސާރައަކީ މަހަކު 100،000.00ރ (އެއްލައްކަ ރުފިޔާ) އެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި އެމަނިކުފާނުގެ މަގާމުގެ މުސާރައިގެ ގޮތުގައި ލިބިލައްވާނީ ޖުމްލަ 6 މިލިއަން ރުފިޔާ އެވެ. އެހެންވީއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކު އެކައުންޓަށް 57 މިލިއަން ރުފިޔާ ޖަމާވާންޖެހޭ ސަބަބާމެދު ސުވާލު އުފެދެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ވިޔަފާރީގެ މުޢާމަލާތް ކުރުމަކީ ޤާނޫނުން މަނާ ކަމެކެވެ. އެނގިފައިވާ ގޮތުގައި އަދި ރައީސް ޔާމީނު ވެސް ވިދާޅުވާ ގޮތުން އެމަނިކުފާނަކީ އެއްވެސް އިރެއްގައި ވިޔަފާރިއެއް ކުރައްވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން އެވަރުގެ ބޮޑެތި ޢަދަދުތަކުން، އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކޮށް، ފައިސާގެ ބޮޑެތި މުޢާމަލާތްތައް ހިންގާފައިވަނީ ކޮންގޮތަކަށް އެމަނިކުފާނު ހޯއްދެވި ފައިސާތޯއާމެދު ރައްޔިތުން ސުވާލު އުފައްދަ އެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނަވައި، މާލޭގެ އެންމެ ހިތްފަސޭހަ ސަރަހައްދުން ބޮޑު ގޯއްޗެއް ލާޖެއްސެވީކަމަށް ވިދާޅުވެ، ބައްލަވާގަނެފަ އެވެ. އެގެ މިހާރު ދަނީ 17 ބުރިއަށް އިމާރާތްކޮށް ނިންމަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު ވެސް މާލީ ބަޔާން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހެ އެވެ. ނަމަވެސް އެކަންވެސް ރައީސް ޔާމީން ކުރައްވާފައި ނުވެއެވެ.