ދިވެހިރާއްޖޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެމްބަރުން އިތުރުކޮށް، 9 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑަށް ކަނޑައެޅުމުގެ މަސައްކަތް ފަށައިފި އެވެ.
އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބަވަނީ ފަސް މެމްބަރުންނެވެ. އެންމެ ފުރަަތަމަ އެލްޖީއޭ ބޯޑު އެކުލަވާލެވުނުއިރު، އެބޯޑުގައި 9 މެމްބަރުން ތިއްބަވަ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މެޖޯރިޓީއޮތް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެލްޖީއޭ ބޯޑުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާގޮތަށް ބަދަލުކޮށްފަ އެވެ. އަދި އެލްޖީއޭ ބޯޑުގެ މެމްބަރުންގެ އަދަދު ފަހަކަށް ދަށްކޮށް، ލާމަރުކަޒީ ގާނޫނަށް އެކި ފަހަރުމަތިން އިސްލާހު ގެނެސް، ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ބާރު ވަނީ ކަނޑާލާފަ އެވެ.
އެލްޖީއޭ ބޯޑު ބަދަލު ކުރުމުގެ ކުރިން އެލްޖީއޭ ބޯޑުގައި ތިއްބެވި ނުވަ މެމްބަރުންނަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރާއި، މާލެ ސިޓީ ކައުންސިލުން މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.
ރައީސް ޔާމީން އެލްޖީއޭ ބޯޑު ފަސް މެމްބަރުންނަށް ދަށްކޮށް، ގެންނެވި ބަދަލުތަކުގެ ތެރޭގައި، އެބޯޑުގައި ހިމެނެނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގެންނެވި އެ އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެތިން މެމްބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ފާސްވެއްޖެ ނަމަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެލްޖީއޭ ބޯޑަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރައީސް ޔާމީން ގެންނަވާފައިވާ ބަދަލުތަކުގެ ތެރެއިން ހިމެނެނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. އަދި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރެއްގެ ބަދަލުގައި، ރައީސް ސޯލިހުގެ ސަރުކާރުން ގެންނަވާ ބަދަލުގައި ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއް ހިމެނެއެވެ.
ސަރުކާރުން އެލްޖީއޭ ބޯޑަށް ގެންނަށް އިސްލާހުގައި، އެ ފަސް މެމްބަރުންގެ އިތުރަށް ދެން ތިއްބަވާ ހަަތަރު މެމްބަރުންނަކީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރެއްގެ އިތުރުން ފިނޭންސް މިނިސްޓަރު ކަނޑައަޅާ މެމްބަރެކެވެ.
އެގޮތުން ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށް އެލްޖީއޭ ބޯޑު އެކުލަވާލުމަށް ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލުގައި ވެއެވެ.
މީގެއިތުރުން ވެސް ކައުންސިލްތަކުގައި އަންހެނުންގެ ބައިވެރިކުރުން އިތުރު ކުރުމަށްޓައި ކައުންސިލްތަކަށް މެމްބަރުން އިންތިހާބުކުރާއިރު، ކޮންމެ ކައުންސިލެއްގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމަށް ހުށަހަޅާފައި ވެއެވެ. އަދި ކޮންމެ ރަށެއްގައި ވެސް ރައްޔިތުން އިންތިހާބުކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއެއް އޮންނަންވާނެ ކަމަށް ބުނެފައި ވެއެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް މިހާރު އޮތީ ކޮމެޓީގައި ދިރާސާކުރުމުގެ މަރުހަލާގަ އެވެ.