ހުރިހާ މުއައްސަސާއަކަށް މި ސަރުކާރުން އަތްބާނައި މުޅި ނިޒާމު ފުނޑާލާފައިވާ ކަމަށާއި ނަމަވެސް ރިޕޯޓުދޭ ދުވަހެއް އެބަ އޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ޕްރޮގްރެސިވް ކޮންގްރެސްއިން "ފުނޑާލައިފި" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޔާމީނު ވިދާޅުވީ ޝަރުޢީ ދާއިރާ "ފުނޑާލަމުން" ދަނީ ކޯޓުތައް މެދުވެރިކޮށް ކުރަން ނުޖެހޭ އެތައް ކަމެއް ކުރުމަށް ފަހު ކަމަށެވެ. ރައީސް ޔާމީނު ވިދާޅުވީ ސުޕްރީމް ކޯޓުވެސް މި ސަރުކާރުން ފުނޑާލައިފި ކަމަށެވެ.
"މި ސަރުކާރަށް ބަންދު ދުވަސްތައް ނުލާ އަދި ތިން މަސް ނުވޭ. ކޮންކަމަކާތޯ އަތް ނުބާނަނީ. ކޮން ކަމެއްތޯ ފުނޑާނުލަނީ. މިހާރު ސުޕްރީމް ކޯޓް ފުނޑާލައިފި. ހުރިހާ ނިޒާމްތަކެއް ފުނޑާލައިފި."ކުރީގެ ރައީސް އަބްދުﷲ ޔާމީން
މީގެ އިތުރުން ރައީސް ޔާމީނު ވިދާޅުވީ މި 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކެމްޕެއިން ދަތުރުތަކަށް ޚަރަދު ކުރީ ދައުލަތުގެ ޚަރަދުގައި ކަމަށެވެ.
" ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެރިންނަށް ތިއްބެވި ބޭފުޅުން އޭގެ ތެރޭގައި އިބްރާހިމް މުހައްމަދު ސޯލިހު ހިމެނގޮތަށް ދައުލަތުގެ ރިސޯސްތައް ބޭނުންކޮށްގެން އޭރުގައި ދަތުރު ކުރި. އެއީ ކުރެވޭނެ ކަމެއް ނޫން. އެއީ ކޮރަޕްޝަނުގައި ބޮޑުވެގެންވާ ހުތުރު ވެގެންވާ އަމަލެއް."ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީން ވިދާޅުވީ އެ ވާހަކަ ދެއްކީ ހަމައެކަނި ދިވެހިންނެއް ނޫން ކަމަށާއި ކޮމަންވެލްތުން ރާއްޖެ ފޮނުވި ޓީމުގެ ރިޕޯޓުގައިވެސް އެވާހަކަ އޮތް ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ވެސް ހުށަހެޅުމަށް މަސައްކަތް ކުރުމުން ހުށަނޭޅުނު ކަމަށް ވިދާޅުވިއެވެ. ޔާމީނު ވިދާޅުވީ މި ސަރުކާރުން ހުރިހާ ތަނަކަށް " އަތް ބާނަމުންދާ" ކަމަށެވެ. ހުރިހާ ތަނެއްގައި " އަތް އަޅައިގެން" މަސައްކަތް ކުރެވިދާނެ ކަމަށާއި ނަމަވެސް ރިޕޯޓު ދޭ ދުވަހެއް އެބަ އަންނަ ކަމަށެވެ. އެ ދުވަހަށް ތައްޔާރު ވުމަށް ޖަލްސާގެ ބައިވެރިންނަށް ގޮވާލަމުން ރައީސް ޔާމީނު ވިދާޅުވީ ހިނިތުންވާނޭ ދުވަހެއް އަދި އަންނާނެ ކަމަށެވެ.