މަސްލަހަތު އޮންނަ ވިޔަފާރިއެއް އެއްވެސް އިރެއްގައި ނޮއްނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބް ދެއްކެވި ވާހަކަތައް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދޮގުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޔައުގޫބް ވަނީ މެމްބަރު ޝިޔާމް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ވައްކަންކޮށް، ވަގު ވިޔަފާރި ކުރެއްވި ކަމަށް ތުހުމަތުތަކެއް ކުރައްވާފައެވެ.
ޔައުގޫބް ދެއްކެވި ވާހަކަތަކާއި ގުޅިގެން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުން ޔައުގޫބް ކުރައްވަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށެވެ. އެއީ އެއްްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަ ތަކެއް ނޫން ކަމަށާއި، އެއްވެސް އިރެއްގައި ތެލުގެ ނުވަތަ އެހެން ވިޔަފާރިކުރާ ކުންފުންޏެއްގައި މަސްލަހަތު ނޮއްނާނެ ކަމަށެވެ.
އަޅުގަނޑު މަސްލަހަތެއް ނޮއްނާނެ އެއްވެސް ކުންފެންޏެއްގައެއް އެގޮތަށް. އެފްއެސްއެމްގެ އެތަންތަނުގައި ވެސް ހުންނާނެތާ ހުރިހާ ޑީޓެއިލްތަކާއި އެއްޗެހި.. އަޅުގަނޑުގެ އެއްވެސް ކުންފުންޏެއްގައި އެއްވެސް ކަހަލަ މަސްލަހަތެއް ނޮއްނާނެ.އަހުމަދު ޝިޔާމް ~ ނައިފަރު ދާއިރާގެ މެމްބަރު ~
އެ ވާހަކަތައް ދައްކަަވަނީ އޭނާ އަކީ އިދިކޮޅު މެމްބަރު ކަަމަށްވުމުން ކަން އެކަށީގެންވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަޖިލީހުގެ ތަޅުމުގައި އެފަދަ ތުހުމަތު ތަކެއް ކުރައްވާފައިވާތީ އެފްއެސްއެމްގެ އިސްފަރާތްތަށް މަޖިލީހަށް ހާޒިރުކޮށް މެމްބަރުންނަށް ސާފުކޮށްދިނުމަށް ޝިޔާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވައިލައްވާފައެވެ.