އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ އަފްރާޝީމް އަލީ މަރުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓް ކަމާބެހޭ މުއައްސަސާތަކާ ހިއްސާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ގޮތްނޭންގޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނުން ޑރ އަފްރާޝީމުގެ މަރުގެ ތަހުޤީޤު ނިންމާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވަނީ ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހު އެވެ. އަދި މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިޕޯޓުގައިވާ ކަންކަން ކަމާބެހޭ ފަރާތްތަކަށް މިހަފުތާތެރޭ ފޮނުއްވާނެކަމަށާއި އެ ރިޕޯޓުގައިވާ މަޢުލޫމާތުތައް ޢާންމުކުރައްވާނެ ކަމަށެވެ.
ރައީސް އެ ރިޕޯޓް ހިއްސާކުރެއްވި މުއައްސަސާތަކަކީ ރައްޔިތުންގެ މަޖިލީހާއި، ފުލުހުންގެ އިދާރާއާއި، އެޓަރނީ ޖެނެރަލް އޮފީހާއި ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހާއި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ރިޕޯޓް ޢާންމު ކުރުމަށް ހަމަޖެހިފައިވަނީ މި އިދާރާތަކާއި މުއައްސަސާތަކާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ޑރ އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެ ރޭ ދަންވަރު އެމަނިކުފާނު ދިރިއުޅުއްވާ ގެ ހ. ފުންވިލުގެ ސިޑި ކައިރިންނެވެ. މިމައްސަލާގައި މިހާތަނަށް އައިއިރު ޙުކުމް އިއްވާފައިވަނީ ހުސައިން ހުމާމަށް އެކަންޏެވެ. ހުމާމްގެ މައްޗަށް ވަނީ މަރުގެ ޙުކުމް އިއްވާފަ އެވެ.
ތޫނު އެއްޗަކުން ޙަމަލާދީ ރަހުމް ކުޑަގޮތަކަށް ޑރ އަފްރާޝީމް އަވަހާރަ ކޮށްލިތާ ހަތް އަހަރު ވެފައިވާއިރު އެ މައްސަލާގައި ޝާމިލުވާ ފަރާތްތައް ހޯދާ އެމަނިކުފާނަށް އިންސާފު ހޯދަައިދިނުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.