މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ "ސްޓެޓިސްޓިކަލް އިޔަރ ބުކް" ލޯންޗް ކޮށްފި އެވެ.
ބުރާސްފަތި ދުވަހު ކަސްޓަމްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ރީފްސައިޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޒާހިރެވެ.
ކަސްޓަމްސްގެ އަހަރީ ހިސާބު ފޮތާއި ގުޅޭ ގޮތުން ކަސްޓަމްސްގެ ސީނިއަރ ސުޕްރިންޑެންޓް އަޙްމަދު ނިޔާޒް މި ފޮތުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވިފައި ވަނީ ރާއްޖެ އަށް އިމްޕޯޓް ކުރެވޭ މުދަލުގެ ބާވަތްތަކުގެ ތަފާސް ހިސާބު ތަކުގެ އިތުރުން މި ފޮތުގައި ވޭތުވެ ދިޔަ ދިހަ ވަރަކަށް އަހަރު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ އަޅާކިޔާފައި ހުންނާނެ ކަމަށެވެ. އަދި ކަސްޓަމްސް ރެވެނިއު އިތުރުވެފައިވާ މިންވަރު ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފޮތް ނެރުމުގެ މަޤްސަދަކީ ވީހާވެސް ބޮޑަށް ކަސްޓަމްސްގެ މަސައްކަތްތައް ޢާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައިވަނީ އެޑްވާންސް ރޫލިން ގެ ޚިދުމަތް ވެސް ތަޢާރަފް ކޮށްފައެވެ. މި ޚިދުމަތް ތަޢާރަފް ކުރުމުގެ މަޤްސަދަކީ ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީ ކުރުމާއި ދިވެހި ވިޔަފާރިއަށް ފަސޭހަ ގޮތްތަކެއް ގެނެސްދިނުންކަމަށް ނިޔާޒް ވިދާޅުވިއެވެ. މިއަދު ތަޢާރަފު ކުރި އެޑްވާންސް ރޫލިން އަކީ ރާއްޖެއަށް މުދާ އައުމުގެ ކުރިން އެ މުދަލުގެ ޑިއުޓީ ރޭޓް އިނގޭ ގޮތަށް ތަޢާރަފު ކުރި ޚިދުމަތެއް ކަމަށެވެ.
މީގެ ސަބަބުން ޚާއްސަ ގޮތެއްގައި އަލަށް ރާއްޖެއަށް މުދަލެއް ގެންނަން އުޅޭ ފަރާތަކުން ކަސްޓަމްސްއަށް އެ މުދަލުގެ ޑިއުޓީ ރޭޓް ހުށަހެޅުމުން ޤާނޫނީ ގޮތުން އަމަލު ކުރެވޭ ގޮތްތައް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ތިން އަހަރުގެ މުއްދަތަށް ދެމި އޮންނަ މި އެޑްވާންސް ރޫލިންގގެ ސަބަބުން ކުރީބައިގައި ކަންކަން ރާވާނެ ފުރުޞަތު ލިބިގެން ދާނެ ކަމަށާއި އެގޮތުން މުދަލެއް ގެނައުމުގެ ކުރިން ޑިއުޓީ ނެގޭ މިންވަރު އެނގިގެން ދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
މި ޚިދުމަތުގެ ސަބަބުން ވިޔަފާރި ރާވާލުމަށް ވަރަށް ބޮޑު ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް ކުދި ވިޔަފާރިތަކަށް އެޑްވާންސް ރޫލިންގގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.