މަތީ ތައުލީމާއި ބެހޭ ބިލުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ ބިލް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން (ޗަބީ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަރަޔ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ބިލިުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ސަރުކާރުގެ ކަމައި ބެހޭ ފަރާތްތަކުން އެ ބިލަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް މަޝްވަރާ ކުރަންޖެހޭ ބަޔަކާއި މަޝްވަރާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
މަތީ ތައުލީމާއި ބެހޭ ބިލެއް ޤާނޫނަކަށް ވެގެން އައުމުން ރާއްޖޭގައި މަތީ ތައުމުގެ ވަރަށް ބޮޑުތަން ފުރިހަމަ ވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދެމެދު ކަންކަން ރެގިއުލޭޓް ކުރުމުގައި ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ވަރަށް ބޮޑު ޤާނޫނީ ބާރެއް ލިބިގެން ދާނެކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޭގެ ނަތީޖާއަކަށް ވާނީ ދިވެހި ރައްޔިތުންނަށް ރާއްޖޭގައި މި ލިބޭ ތައުލީމާއި ތަމްރީނުގެ ކޮލިޓީ އާއި މެދު ކަށަވަރުކަން ޔަގީންކަން އިތުރުވެގެން ދޭ. މިއީ ވަރަށް މުހިއްމު ކަމެއް. މިއީ ރެގިއުލޭޓަރީ ބޮޑީއެއްގެ ގޮތުން އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭން ބޭނުންވާ ކަމެއް.ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން
ޤާނޫނީ ބާރުވެރިކަމެއް މިނިސްޓްރީން ބޭނުންވާ ވަރަށް ލިބިފައި ނެތުމުން އެކަން އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުދާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ބިލް ޤާނޫނަކަށް ވުމުން އެކަންކަން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް އަހަރަށް މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް އަންނަ އަހަރުވެސް ގިނަ ފުރުސަތު ތަކެއް ފަހިވެގެން ދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިއަހަރަށް ވުރެ ގިނަ ދަރިވަރުން ތަކަކަށް މަތީ ތައުލީމް ތަމްރީންގެ ފުރުސަތުތައް ފޯރުކޮށް ދިނުމެވެ. އަންނަ އަހަރުވެސް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ކުރިޔަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ އެންމެހާ ފަރާތްތަކަށް އަރުވާފައެވެ.
މިނިސްޓަރ ވިދާޅުވީ ނިޒާމަށް ގެނެވުނު ބަދަލާއި ގުޅުގެން ސީދާ ދަރިވަރުންގެ އަތަށް ކޮލެޖް ފީ ދޭގޮތަށް ހަމަޖެހި ދަރިވަރުންނަށް އޮންލައިންކޮށް ސްކީމްގައި ބައިވެރިވުމުގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ. އަދި އަތޮޅު ތެރޭގައި ދިރިއުޅެ ދަރިވަރުންނަށް ވެސް ސްކީމްގައި ބައިވެރި ވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.