ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ އަދުލުވެރި ޝަރީއަތެއް ހިންގައިފިނަމަ ''ގައިގައި އަތް ނުލެވޭނެ'' ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެއް މިލިއަން ޑޮލަރެވެ.
ބުދަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ޝަރީއަތް ކުރިޔަށްދާ ގޮތާއި މެދު ތާއިދުކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ސަޕޯޓަރުން ކަންބޮޑުވާން ނުޖެހޭކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ، އެމަނިކުފާނުވެސް އެއްވެސް ވަރަކަށް ކަންބޮޑުވުން ނުވާ ކަމަށެވެ.
ޔާމީން ވިދާޅުވީ، ރާއްޖޭގެ ބައިތުލްމާލުން އެއްވެސް ފައިސާ ނަންގަވާފައިނުވާނެ ކަމަށާއި، ފައިސާ ނަންގަވަން ޖެހޭ ސަބަބެއްވެސް ނެތް ކަމަށެވެ. އެމަނިކުފާނުގެ ނަފްސުގެ މުއްސަނދިކަން އެއަށްވުރެ ބޮޑު ކަމަށާއި އޭރުވެސް އެއް މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެކައުންޓުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރަނީ އޮޅުވާލައިގެންކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، މައްސަލަ ތަހުގީގުކުރާ ފަރާތަކަށް އޭސީސީ އޮންނައިރު ތަހުގީގު ހިންގާފައި، އެކަން ނުކުރެވޭނެ ކަމަށެވެ.
އަދުލުވެރި ޝަރިޔަތެއް ކޮށްފިއްޔާ ރައީސް ޔާމީން ގައި ގައި އަތްލެވޭނެ ގޮތެއް ނޮއްނާނެ.އަބްދުﷲ ޔާމީން - ޕީޕީއެމްގެ ރައީސް -
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޙުކުމް ކުރުމަށް އޮތް ޝަރީޢަތުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. އެއީ އެމައްސަލަ ބައްލަވާ ގާޒީ އަދި ކްރިިނަލް ކޯޓުގެ އިސްގާޒީ އަޙްމަދު ހައިލަމްގެ މައްޗަށް ކުރެވޭ ސުލޫކީ މައްސަލަތަކަކާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން ނެވެ.