ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުމެއް ނަފީވާގޮތަށް އެއްވެސް ކަމެއް ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެން، އެވަގުތު ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދިޔަ، ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެއަޅާފައިވާ ފިޔަވަޅު އަޅާފައި އޮތީ ގާނޫނުގެ ތެރެއިން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީހެންވޭރު ހުޅަނގު ދާއިރާގެ ހަސަން ލަތީފް
ހަސަން ލަތީފް ވިދާޅުވީ، ފަނޑިޔާރުންނާމެދު ފިޔަވަޅެއް އެޅުމުން، އެ ހިފައިގެން ފަނޑިޔާރު އިންނަވާ ކޯޓަކަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެވޭ އުސޫލަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އެހެންކަމުން ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުން ނިމޭހިސާބެއް އޮންނަންޖެހޭ ކަމަށާއި އެސަބަބަށްޓަކައި ޖޭއެސްސީގެ ގާނޫނަށް އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ކަމަށެވެ.
އެއްވެސް ކޯޓަކުން ނުވަތަ އެއްވެސް ފަނޑިޔާރެއް ޖޭއެސްސީގެ އެ ނިންމުން ނަފީވާގޮތަށް އެއްވެސް ވާހަކައެއް ދެއްކުން ނުވަތަ އެހެން ގޮތެއް ނިންމުން އެއީ ގާނޫނާ ހިލާފުކަމެއް ކަމަށް ވާނެ ކަމަށް އަޅުގަނޑަށް ފެންނާތީ މި ކޮމެޓީގައި އެވާހަކަ ހިއްސާ ކޮށްލީހެންވޭރު ހުޅަނގު ދާއިރާގެ ހަސަން ލަތީފް
ޖޭއެސްސީން ބުނީ، ރާއްޖޭގެ ގާނޫނޫ އަސާސީގެ 154 މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާފަދަ އަމަލުތަކެއް އެ ދެ ފަނޑިޔާރުންގެ ކިބައިން ފެނިފައިވާތީ ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ވަގުތީ ގޮތުން 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ޖޭއެސްސީގެ އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމާފައިވަނީ، ޖޭއެސްސީން ތަހްގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ދެ ބޭފުޅުން މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ފެންނާތީ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.
ޖޭއެސްސީން ދަނީ އެ ދެ ފަނޑިޔާރުންގެ ސުލޫކީ އިތުރު މައްސަލަތަކެއްވެސް ބަލަމުންނެވެ. ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލަ ތަކުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ދަނީ ތަކުރާރުކޮށް ތަހުގީގަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ޢައުލަބިއްޔަތުންނެވެ.