ސުޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކުރަން ޖޭއެސްސީއިން ނިންމައިފިއެވެ.
ފަނޑިޔާރު އަބްދުﷲ އަރީފާ ސުޕްރީމް ކޯޓު ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައި މިވަނީ، އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް، މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށައަޅަން ނިންމުމާއި ގުޅިގެންނެވެ. ޖޭއެސްސީއިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށްފައިވަނީ 60 ދުވަހުގެ މުއްދަތަކަށެވެ.
ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކުރަން ނިންމާފައިވާއިރު، އެމަނިކުފާނު ވަނީ ޖޭއެސްސީގެ ރައީސްކަމުން ވެސް ބުދަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.
ޖޭއެސްސީއިން އަންނަނީ ފަނޑިޔާރު އަބްދުﷲ އަރީފާ ގުޅޭ 14 ސުލޫކީ މައްސަލައެއް ވެސް ބަލަމުންނެވެ. ޖޭއެސްސީން އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީއާއި އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑްކޮށް މަގާމުން ވަކިކުރަން ހުށައެޅީ، އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލަތައް ބެލުމަށް އެ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ދެކޮޅު ހެއްދެވުމުންނެވެ.
އުއްތަމަ ފަނޑިޔާރާއި އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ޖޭއެސްސީގެ ތަހުގީގަށް އެއްބާރުލުން ދެއްވަން ދެކޮޅު ހެއްދެވީ، އެ މައްސަލަތައް ބެލުމުގެ ގާނޫނީ އަސާސެއް އެ ކޮމިޝަނަށް ލިބިފައިނުވާ ކަމަށް ވިދާޅުވެއެވެ.
ފަނޑިޔާރު އަބްދުﷲ އަރީފަކީ 2008 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގެ ބެންޗުގައި ހުންނަވާ ފަނޑިޔާރެކެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު 2005 އިން 2008 އަށް ފުރުއްވާފައެވެ. އަދި 1998 ވަނަ އަހަރުން ފެށިގެން 2005 އާ ޖެހެންދެން ހުންނެވީ އެ ކޯޓުގެ ގާޒިއެއްގެ މަގާމުގައެވެ. މިހާރު އެ ކޯޓުގެ ބެންޗުގައި ހުންނަވާތާ އެންމެ ގިނަ ދުވަސްވެފައިވާ ފަނޑިޔާރަކީ ވެސް އަބްދުﷲ އަރީފެވެ.
ޖޭއެސްސީން މިހާރު ގެންގުޅޭ އުސޫލަށް ބަލާއިރު، ކޯޓުތަކުގެ ހިންގުން ހަވާލުކުރުމުގައި އެންމެ އިސްކަމެއް ދެނީ އެ ކޯޓެއްގައި އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ފަނޑިޔާރަކަށެވެ.