53 ބިލިއަން ފީފާގެ ތެޔޮ ހުރި ތެޔޮ ވަޅެއް އިރާނުން ހޯދައިފި ކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.
އިރާނުގެ ދެކުނުން އޮންނަ ކުޒެސްތާން ޕްރޮވިންސުން ހޯދި ތެޔޮ ވަޅާއެކު އެ ގައުމުގެ ތެލުގެ ރިޒާވް ތިން ބައި ކުޅަ އެއް ބަޔަށް ވުރެ އިތުރުވީއެވެ. އެ ތެޔޮ ވަޅު ހޯދުމުގެ ކުރިން އެ ގައުމުގެ ކަށަވަރުވެފައިވާ ތެލުގެ ރިޒާވް ހުރީ 150 ބިލިއަން ތެޔޮ ފީފާގައެވެ.
މިއީ އިރާނުން ފެނުނު ދެވަނައަށް އެންމެ ބޮޑު ތެޔޮ ވަޅެވެ. އެގޮތުން އެ ސަރަހައްދުގެ ބޮޑު މިނުގައި 2400 އަކަ ކިލޯމީޓަރު ހުރިއިރު، ތެޔޮ ފެނިފައިވަނީ 80 މީޓަރު އަޑިންނެވެ. އެ ގައުމުން ފެނުނު އެންމެ ބޮޑު ތެޔޮ ވަޅުގައި 65 ބިލިއަން ފީފާގެ ތެޔޮ ހުއްޓެވެ. އިރާނަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ހަތަރު ވަނައަށް އެންމެ ބޮޑު ތެލުގެ ރިޒާވެއް އޮތް ގައުމެވެ.
މިކަމާއި ގުޅޭގޮތުން އަލް ޖަޒީރާއާ ވާހަކަދެއްކި މަނޫޝެރް ޓާކިން ނަމަކަށް ކިޔާ ބައިނަލްއަގްވާމީ ތެލުގެ ކޮންސަލްޓަންޓަކު ބުނީ، މިތަނުން އުފެއްދޭނީ ކިތައް ފީފާގެ ތެޔޮކަމަށް ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ ބުނީ ތެޔޮ ހުއްޓަސް އޭގެ ތެރެއިން އެކްސްޓްރެކްޓް ކުރެވޭނީ ގާތްގަނޑަކަށް 20 ނުވަތަ 30 އިންސައްތަ ކަމަށެވެ. އަދި މި ތެޔޮ އުފައްދަން ތިން ވަރަކަށް އަހަރު ނަގާނެ ކަމަށްވެސް ޓާކިން ބުންޏެވެ.
މި ފަހަރު ފެނުނު ތެޔޮ ވަޅު ފެނުނު ކުޒެސްތާން ސަރަހައްދަކީ، އިރާނުގެ ތެޔޮ އުފެއްދުމުގެ މައި ހަބެވެ. އަދި މި ތެޔޮ ވަޅު ހޯދާފައި މިވަނީ، އިރާނާ އެމެރިކާގެ ގުޅުން އަނެއްކާވެސް ވަރަށް ބޮޑަށް ހީނަރުވެފައިވާ ދުވަސްވަރެއްގައެވެ.