އިރާން މަތިން އުދުހެމުންދިޔަ ޑްރޯން އެއް އެގައުމުން ވައްޓާލައިފިއެވެ.
އިރާންގެ އިރްނާ ނިއުސް އެޖެންސީން ބުނާގޮތުން މި ޑްރޯންއަކީ އެހެން ގައުމެއްގެ ޑްރޯނެކެވެ. ނަމަވެސް އެއީ ކޮންގައުމެއްގެ ޑްރޯނެއް ކަމެއް އިރާނުން ހާމައެއް ނުކުރެއެވެ. އިރްނާ ނިއުސް އެޖެންސީން ބުނާގޮތުން މިޑްރޯންގެ ބައިތައް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އިރާންގެ ޑިފެންސް ފޯސް އިން މި ޑްރޯން ވައްޓާލީ އެގައުމުގެ ދެކުނުހުޅަނގުގައި އޮންނަ މަހްޝަހަރް ސިޓީގައި އުދުހެމުން ދަނިކޮށެވެ. އިރްނާ ނިއުސް އެޖެންސީން ބުނާގޮތުން މި ޑްރޯން ވައްޓާލީ އެ ގައުމުގެ އެތެރޭގެ އުދުހުންތަކާއި ހިލާފަށް އެޑްރޯން އުދުހުމުގެ ސަބަބުންނެވެ.
ޑްރޯން ވައްޓާލި ހާދިސާ އާއި ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއީ އެމެރިކާގެ ޑްރޯނެއް ނޫންކަމުގަ އެވެ.
މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އިރާނުން ވަނީ އެމެރިކާގެ ޑްރޯނެއް ވައްޓާލާފައެވެ.