ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ފަރުވާއަށް ފަހު ގެޔަށް ބަދަލުކޮށްފިއެވެ.
އޮކްޓޯބަރ މަހު 22 ވަނަ ދުވަހު ނަވާޒް ޝަރީފަށް ފަރުވާ ދޭން ފެށީ އޭނާގެ ޕްލޭޓްލެޓް ލެވެލް ދަށްވެ ހާލު ގޯސްވުމާއި ގުޅިގެންނެވެ. އޭގެ ފަހުން އޭނާ އަށް ހާޓް އެޓޭކް އެއް ޖެހުނު ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަން ތިން ދައުރު ކުރައްވާފައިވާ ނަވާޒް ޝަރީފްގެ މައްޗަށް މިދިޔަ އަހަރު ވަނީ ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ހަތް އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. ނަމަވެސް މިދިޔަ މަހު ޕާކިސްތާނުގެ ކޯޓުން ވަނީ ނަވާޒް ޝަރީފްގެ ސިއްހީ ހާލަތައް ރިއާޔަތްކޮށް، ކަފާލާތުގެ ދަށުން އަށް ހަފްތާއަށް ދޫކޮށްލަން ނިންމައިފައެވެ.
ޕާކިސްތާނުގެ އިދިކޮޅު ޕާޓީ، ނަވާޒް ޝަރީފްގެ ޕީއެމްއެލްއެން ޕާޓީން ބުނިގޮތުގައި ނަވާޒް ޝަރީފަށް ފަރުވާ ދިނުމަށް އޭނާގެ ގެކޮޅުގައި ވަނީ ހާއްސަ އިންޓެންސިވް ޔުނިޓެއް ގާއިމް ކޮށްފައެވެ. އަދި އެ ޕާޓީން ބުނީ ނަވާޒް ޝަރީފަށް އިތުރު ފަރުވާ ދިނުމަށް ގައުމުން ބޭރަށް ދިޔުމަށް ޑޮކްޓަރުން ލަފާ ދީފައި ވާކަމަށެވެ.
ނަވާޒް ޝަރީފުގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުން މަރްޔަމް ނަވާޒްގެ ސިއްހީ ހާލުކޮޅުވެސް ގޯސްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ނަވާޒް ޝަރީފުގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަންގެ މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ވެސް ވަނީ ހައްޔަރުކޮށް, އެ މައްސަލަ ތަންފީޒުކުރަން ފަށާފައެވެ. އެހެންނަމަވެސް ބަންދުގައި ހުންނެވި މަރްޔަމް ނަވާޒްގެ ސިއްހީ ހާލަތު ގޯސްވެ ދާދިފަހުން ހޮސްޕިޓަލްގައި އެޑްމިޓްކުރި ހަބަރުތަކެއް މިޑިއާ ތަކުގައި ވަނީ ފެންމަތިވެފައެވެ. އެއީ އެކަމަނާގެ ބައްޕާފުޅު ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު ބައްޕާފުޅުގެ އަރިހުގައި ހުރުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން އެކަމާއި ހިތާމަފުޅުކުރެއްވުމުގެ ސަބަބުން ކަމަށް ވެސް އެ ހަބަރުތަކުގައިވެއެވެ.