ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 13:32
ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރި މުޒާހަރާގެ ތެރެއިން
ޓައިމްސް އޮފް އިންޑިއާ
އާޒާދީ މަރޗް
ދެ ދުވަސް ތެރޭގައި އިސްތިއުފާ ދެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރަށް އިންޒާރެއް!
އިސްތިއުފާ ނުދެއްވައިފިނަމަ މުޒާހަރާތައް ސުލްހަވެރި ނުވާނެކަމަށް އިދިކޮޅުން ބުނޭ
ޕާކިސްތާނުގެ އިގްތިސާދު އެއްކޮށް ފުނޑާލައިފިކަމަށް އިދިކޮޅުން އަންނަނީ ބުނަމުން
ބޮޑުވަޒީރު ހާން ވަނީ އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައި

ބޮޑުވަޒީރު އިމްރާން ދެ ދުވަސް ތެރޭގައި އިސްތިއުފާ ނުދެއްވައިފިނަމަ، މިހާރު ކުރިޔަށްދާ އެއްވުންތައް ސުލްހަވެރިއެއް ނުވާނެކަމަށް ޕާކިސްތާނުގެ ހަރުކަށި އިމާމު މައުލާނާ ފަޒްލޫރް ރަހްމާން އިންޒާރުދީފިއެވެ.

"އާޒާދީ މަރޗް" ގެ ނަމުގައި ޕާކިސްތާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި އިސްކޮށް ހުރެ، މުޒާހަރާގެ ބައިވެރިންނާ ވާހަކަދައްކަމުން ފަޒްލޫރް ރަހްމާން ބުނީ، ބޮޑުވަޒީރު އިމްރާނަށް ބުއްދިވެރީ ސުލްހަވެރިކަމާއި އެކު މަގާމު ދޫކޮށްލެއްވުން ކަމަށެވެ. އަދި ދެ ދުވަސް ތެރޭގައި އިސްތިއުފާ ނުދެއްވައިފިނަމަ، މުސްތަގުބަލުގައި ވާނެ ގޮތް ނިންމުން އޮތީ ތިމަންނާމެންގެ އަތް މަތީގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ޕާކިސްތާނުގެ ސިންދް ޕްރޮވިންސުން ފެށި ހިނގާލުމުގެ ބައިވެރިން މިހާރު އެއްވެ ތިބީ ވެރިރަށް އިސްލާމްއާބާދުގައެވެ. އިދިކޮޅުގެ ގިނަ ޕާޓީތަކަކުންވެސް ވަނީ މުޒާހަރާއާ ގުޅިފައެވެ. އެ މީހުންގެ

އެ ފަރާތްތަކުން ވަނީ ނިމިދިޔަ އިންތިހާބަކީ ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ އިންތިހާބެއް ކަމަށާއި، އެ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާ ހިނދު، އިންތިހާބު ކާމިޔާބު ކޮށްގެން ވެރިކަމަށް އައި ސަރުކާރު ވެސް ބަލައެއް ނުގަންނާނެ ކަމަށެވެ. ފަޒްލޫރް ވަނީ ޕާކިސްތާނުގެ މިހާރުގެ ސަރުކާރުން އެ ގައުމުގެ މުޅި އިގްތިސާދު ފުނޑާލާފައިވާ ކަމަށް ބުނެފައެވެ.

ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން ވަނީ ވެރިކަން ލިބިއްޖެނަމަ، ހަ މަސް ދުވަހުގެ ތެރޭގައި އިގްތިސާދު ހަމައަކަށް އަޅުވާނެކަމަށް ބުނެފައެވެ. އަދި ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށްދިނުމަށްވެސް އެފަރާތްތަކުން ވަނީ ވައުދުވެފައެވެ.

މުޒާހަރާތަކުގެ ބައިވެރިން ދުވަހަކަށް ވުރެ ދުވަހެއް ގިނަވަމުން ދާއިރު، ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވީ އިދިކޮޅުން ކުރާ މުޒާހަރާތަކުގެ ބައިވެރިން މިނިވަންވާން ބޭނުންވެގެން އެއުޅެނީ ކޮންކަމަކުންތޯ ސުވާލު އުފައްދާފައެވެ. އިމްރާން ހާން އިތުރަށް ވިދާޅުވީ، މިހުރިހާ ކަމަކުންވެސް އެންމެ ބޮޑު ފައިދާއެއް ކުރާނީ ޕާކިސްތާނުގެ ހަތުރުންނަށް ކަމަށެވެ.

މިއީ ބޮޑުވަޒީރު އިމްރާން ހާން ވެރިކަމަށް އައި ފަހުން ޕާކިސްތާނުގައި ކުރެވޭ އެންމެ ބޮޑު މުޒާހަރާތަކެވެ. މުޒާހަރާ ކުރިޔަސް ޖަލުގައި ތިބި އިދިކޮޅު ލީޑަރުންނަށް މާފެއް ނެތްކަމަށް އިމްރާން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ޕާކިސްތާނުގެ ގިނަ އިދިކޮޅު ލީޑަރުން ތިއްބެވީ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށްތައް ސާބިތުވެ ޖަލުގައެވެ.

- ކޮމެންޓް