ކ. މާލެ
|
28 އޮކްޓޯބަރ 2019 | ހޯމަ 07:55
އައިސިސް ގެ ލީޑަރު އަބޫބަކުރު އަލް-ބަޣްދާދީ
އައިސިސް ގެ ލީޑަރު އަބޫބަކުރު އަލް-ބަޣްދާދީ
ގޫގުލް
އައިއެސް
ބައްދާދީ މަރުވީ ހަށި ގޮއްވާލައިގެން: ޓްރަމްޕް
މަރުވެފައިވާ ކަން ވަނީ ކަށަވަރުވެފައި

އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ދަ ލެވާންޓް(އައިސިސް) ގެ ލީޑަރު އަބޫބަކުރު އަލް-ބަޣްދާދީ މަރުވެފައިވާ ކަމަށާއި، އޭނާ މަރުވީ ހަށި ގޮއްވާލައިގެން ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ، ސޫރިޔާގެ ހުޅަނގު އުތުރު އިދްލީބް ޕްރޮވިންސްގެ ގައި އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަންގައި އުމުރުން 48 އަހަރުގެ ބަޣްދާދީ މަރުވެފައިވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، ސިފައިން ބައްދާދީ އަށް ހަމަލާދޭން އުޅެނިކޮށް އޭނާ އަމިއްލަ އިން ހަށިގޮއްވާލައިގެން މަރުވެފައިވަނީ ތިން ދަރިންނާއި ދެ އަންހެނަކާއި އެކު ކަމަށެވެ. ސިފައިން ޙަމަލާދިން ގެއިން 11 ކުއްޖަކު އަނިޔާނުވެ ނެރެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެެމެރިކާއިން ބަޣްދާދީ މަރާލާފައި މިވަނީ ހަފުތާއެއް ވަންދެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަން ވަނީ ހާމަވެފައެވެ. އެގޮތުން މީގެ ދެ ފަހަރެއްގެ މަތިން އެމެރިކާއިން ރޭވި މިޝަންތައް ފޭލްވެފައިވާކަން ޓްރަމްޕް ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން، 2017 ވަނަ އަހަރުވެސް ބަޣްދާދީ މަރާލެވުނު ކަމުގެ ޚަބަރުތަކެއް ފެތުރުނެވެ. ރަޝިޔާ އަސްކަރިއްޔާއިން ދިން ޙަމަލާއެއްގައި ބަޣްދާދީ މަރާލެވިފައިވާކަމުގެ އަޑު ފަތުރާފައިވަނިކޮށް މިދިޔަ އެޕްރީލް މަހު އައިއެސް ޖަމާއަތުން އާއްމު ކުރި ވީޑިއޯ މެސެޖަކުން ބަޣްދާދީ ފެނުނެވެ. އެއީ އެޖަމާއަތުގެ ލީޑަރުކަމާއި ޙަވާލުވި ފަހުން އޭނާ އާއްމުންނަށް ފެނުނު ފުރަތަމަ ފަހަރު ކަމަށްވެއެވެ.

- ކޮމެންޓް