އިނގިރޭސި ވިލާތުގެ އެސެކްސް އިން ފެނުނު ލޮރީއެއްގެ ތެރޭގައި މަރުވެފައި އޮތް 39 ޗައިނާ މީހުން ފެނިއްޖެއެވެ.
އެސެކްސް ފުލުހުން ލަފާކުރާގޮތުގައި ކޮންޓެއިނާ ލާފައިހުރި މި ލޮރީ ދަތުރުކުރީ އިނގިރޭސި ވިލާތަށް ދަތުރު ފެށީ ބަލްގޭރިއާއިން ކަމަށާއި، ހޮނިހިރު ދުވަހު ލޮރީ ވޭލްސްއަށް ވަދެފައިވާ ކަމަށެވެ.
ލޮރީގެ ތެރެ މައިނަސް 25 ޑިގްރީއަށް ފިނިކޮށްފައިވާއިރު، ލޮރީ ތެރެއިން ފެނުނު މީހުން މަރުވީ ފިނިވެގެން ކަމަށް ބެލެވޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ނޮދަން އަޔަލޭންޑަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކުރީ ގަސްތުގައި މީހަކު މެރުމުގެ ތުހުމަތުގައި ކަމަށެވެ.
ލޮރީގެ ތެރެއިން ފެނުނީ 8 އަންހެނުންގެ އިތުރުން 31 ފިރިހެނުންނެވެ. އޭގެ ތެރޭގައި ޓީނޭޖް ކުއްޖެއްވެސް ހިމެނޭ ކަމަށާއި، އެ ހުރިހާ އެންމެންނަކީވެސް ޗައިނާ ރައްޔިތުން ކަމަށް ފުލުހުން ލަފާކުރެއެވެ.
މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ ބޮޑު ތަހުގީގެއް ފަށާފައިވާއިރު، ނޮދަން އަޔަލޭންޑްގެ ދެ ގެއެއްވެސް ވަނީ މިހާތަނަށް ބަލައި ފާސްކޮށްފައެވެ. އަދި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާއާ ސުވާލު ކުރުމަށް އިތުރު 24 ގަޑިއިރުގެ މުއްދަތެއް ފުލުހުން ވަނީ ހޯދާފައެވެ.