އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވާ އެޤައުމުގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޑިމޮކްރަޓިކް ކެންޑިޑޭޓް ބައިޑަން ޓްރަންޕްގެ އިޤްތިޞާދީ ސިޔާސަތުތަކަށް ފާޑު ވިދާޅުވީ ބުދަ ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ސިޔާސީ އެއްވުމެއްގައެވެ. ބައިޑަން ވަނީ އެމެރިކާގެ މިހާރުގެ ސަރުކާރުން ތަންފީޒުކުރަމުންދާ އިޤްތިޞާދީ އަދި މާލީ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ތެރެއިން ކުޑަ އަދި މެދު މިންވަރުގެ ޢާމްދަނީ ލިބޭ މީހުންނާއި ނިކަމެތި ރައްޔިތުން ވަރަށް ހާލުގައި ދިރިއުޅެންޖެހިފައިވާކަމަށް ވިދާޅުވެ ޓްރަންޕަށް ފާޑު ވިދާޅުވެފައެވެ.
ބައިޑަން ވިދާޅުވީ، ޓްރަންޕަކީ ދެރަ ނިކަމެތި މީހުންގެ ޙާލު ބައްލަވާ އަދި އެމީހުންގެ އިހުސާސްތައް ދަންނަ ވެރިއެއް ނޫން ކަމަށެވެ.
ބައިޑަން ވިދާޅުވީ ޓްރަންޕްގެ ޢަމަލުތައް ހުންނަ ގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި ބައިޑަން ނައިބް ރައީސް ކަން ކުރެއްވި ސަރުކާރުން ފައްކާ ކޮށްފައިވާ ވަރުގަދަ އިޤްތިސާދު އަދި އިކޮނޮމިކް ޕޮލިސީތައް ޓްރަމްޕް ފުނޑު ފުނޑު ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ބައިޑަން ވިދާޅުވީ އެމެރިކާގެ ވަރުގަދަ ޤައުމަކަށް ހެދީ އެކަހަލަ ނިކަމެތި ރައްޔިތުން ނުކުމެ ކަމަށާއި، އެޤައުމުގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހާ ފައްކާ ކުރީ ވެސް ހަމަ ރައްޔިތުން ކަމަށެވެ. ނަމަވެސް ޓްރަންޕް މަސައްކަތް ކުރަނީ އިޤްތިޞާދު ހަލާކުކޮށް، ނިކަމެތި ރައްޔިތުން މަތިން ހަނދާން ނައްތާލަމުން ކަމަށެވެ. އަދި ގިނަ ބަޔަކަށް ރަނގަޅު ސިއްހީ ޚިދުމަތް ނުލިބޭ ކަމަށާއި، އެތައް ބަޔަކު އަމިއްލަ ގޭގައި ބިލުތައް ނުދެއްކި ހާލުގައި ޖެހެމުން ދާ ކަމަށް ވެސް ބައިޑަން ވިދާޅުވިއެވެ.
ޕެންސިލްވޭނިއާ އަކީ އިންތިޚާބު ކާމިޔާބު ކުރުމަށް މުހިންމު ސިޓީއެކެވެ. އަދި 2016 އަހަރު ބޭއްވި އިންތިޚާބުގައި ޑިމޮކްރަޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން ޓްރަންޕާ ވާދަކޮށް އެސިޓީގައި ވަނީ ބަލިވެފައެވެ.
ބައިޑަން ވަނީ މީގެ ކުރިން ސީރިއާ ސިފައިން ބޭލުމަށް ޓްރަންޕް ނިންމެވި ނިންމެވުމަށް ވަރަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޓްރަންޕް ދަނީ ގިނަ ވަޒީފާތަކެއް އުފައްދާ އިގްތިސާދު ވަރުގަދަ ކުރުމަށް ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. ނަމަވެސް ގިނަ ރައްޔިތުންތަކެއް ދަނީ ޓްރަންޕް ގެންގުޅޭ ސިޔާސަތުގެ ސަބަބުން އިޤތިޞާދީ ހަމަހަމަކަން ގެއްލެމުންދާކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. އަދި ޗައިނާގެ ވިޔަފާރިތަކަށް އުދަނގޫތައް ކުރިމަތިކުރުވާތީ އެކަމުގެ އަސަރު ދަނޑުވެރިންނަށް ވެސް ކުރާ ކަމަށް ބުނެ ޝަކުވާކުރެއެވެ.
ބައިޑަން އިގްތިސާދު ސިޔާސަތު އިއުލާން ނުކުރެއްވިނަމަވެސް އޭނާ ވިދާޅުވީ އެންމެ ދަށް އާމްދަނީއެއްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 15 ޑޮލަރު ލިބޭގޮތް ހަދާނެ ކަމަށެވެ. މިހާރު ގަޑިއަކަށް ލިބެނީ 7.5 ޑޮލަރެވެ. އަދި ސިއްހީ ނިޒާމާއި ތައުލީމަށް ޚާއްސަ ސަމާލުކަމެއްދީ ކުރިއަރުވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މުއައްސަންދިގެ އަތުން ނަގާ އިންކަމް ޓެކްސް 37 އިންސައްތަ އިން 39.6 އިންސައްތަ އަށް ބޮޑު ކުރާނެ ކަމަށް ވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.