Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 15:46
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
ރައީސް އޮފީސް
އެޓަރނީ ޖެނެރަލް
ވޭތުވެދިޔަ 7 އަހަރު ހިނގައިދިޔަ ކަންތައްތަކަށް އިންސާފު ހޯދުމަށް ބިލެއް ހުށަހަޅަނީ
އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމުކުރުމަށް ވަނީ ނިންމާފައި
ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލާނެ
ބިލުގެ ބޭނުމަކީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުން

ވޭތުވެދިޔަ 7 އަހަރު ހިނގައިދިޔަ ކަންތައްތަކަށް އިންސާފުހޯދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އިންތިޤާލީ އިންސާފުގެ ބިލުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަ ނައިބުގެ އޮފީހުން ބިލެއް ފޮނުވައިފިއެވެ.

އަންގާރަ ދުވަހުގެ މެންދުރު ބަންޑާރަ ނައިބުގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ކަމަށެެވެ.

Advertisement

އެ ޤާނޫނުގެ ޒަރީއާއިން ޙާޞިލުކޮށްދޭން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ފަރުދުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް، މުޖުތަމަޢު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި، ޤައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންޞާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދިނުންކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އާންމުކޮށްފައިވާ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ޤާއިމުކޮށް، އެ އޮފީހާއި 7 މަސްއޫލިއްޔަތުތައް މަތިކުރުމަށް އެ ބިލުގައި ކަނޑައަޅާފައިވެއެވެ.

އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްމަންގެ އޮފީހުގެ މަސްއޫލިއްޔަތުތައް:

  1. ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ޙަޤީޤަތާ ހަމައަށް ވާޞިލުވުން.
  2. ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ ޢަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުން.
  3. ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގަނެފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުން.
  4. އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް އަދި މަދަނީ ދަޢުވާ އުފުލުމަށްޓަކައި ބަންޑާރަނައިބަށް ފޮނުވުން.
  5. އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ބަދަލުހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުން.
  6. ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިޞްލާޙުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން.
  7. ކުރިއަށް އޮތް ތާނގައި، އެފަދަ ޢަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކުރުން.

މި ބިލް ނުވަތަ ޤާނޫނު ފާސްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅައި މަޖިލީހުގައި ބަހުޘްކުރެވި ނަގާ ވޯޓަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
23 އޮކްޓޯބަރ 2019 | ބުދަ 09:43
މަކަނާ
ކޮބާ އޭގެ ކުރީ 3 އަހަރު ބަލަ ތަފާތު ކުރުމެއްނެތި 0 ގައި މަސައްކަތް ކުރާމީހުން ތަފާތުކޮއްގެން ނުވާނެ