ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވަން ނިންމި ނިންމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބަދަލުކުރައްވައި އެ މައްސަލަ އެޖެންޑާގައި ހިމަނަން ނިންމަވައިފި އެވެ.
އެ ރިޕޯޓު އަލުން އަނބުރާ ކޮމެޓީއަށް ފޮނުވާލަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިރާސާގެ މަސައްކަތް ނިންމުމަށްފަހު ފޮނުވި ރިޕޯޓުގައި ގޮތެއް ނިންމާފައި ނުވާ ކަމަށް ވިދާޅުވެއެވެ. އަދި ކޮމެޓީގެ ރިޕޯޓުގައި ވަނީ ޖުޑިޝިއަލް ސާރވިސް ކޮމިޝަންގެ މަސައްކަތްތައް ރަނގަޅަށް ކުރައްވާފައި އޮތް ކަމަށެވެ.
އެކަމާ ގުޅިގެން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޖުޑިޝަރީ ކޮމިޓީގެ މެންޑޭޓަކީ ޖޭއެސްސީގެ "ޕްރޮސެސް" ހިންގާފައިވާ ގޮތް ބެލުން ކަމަށެވެ. އެހެންވެ، އެ މައްސަލަ ކޮމިޓީ އަށް ފޮނުވާނުލައި ތަޅުމުން ގޮތެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިއަދު ހެނދުނު ރައީސް ފޮނުވާލައްވައިފި ޖުޑީޝިއަރީ ކޮމެޓީއިން އައި ރިޕޯޓު އަނބުރާ އެ ކޮމެޓީއަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކޮމެޓީގެ މެންޑޭޓަކީ ހަގީގަތުގައި ޖުޑީޝަލް ސާރވިސް ކޮމިޝަނުން ކަންކަން ކޮށްފައިވަނީ އެ ޕްރޮސެސްއާއި އެއްގޮތަށް ތޯ ހަމައެކަނި ބެލުން އެކޮމެޓީއަށް ދީފައިވާ މެންޑޭޓަކީ. "މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މެމްބަރު އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކަށް މަޖިލީހުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އަދި އަނބުރާ އެ މައްސަލަ ކޮމެޓީއަށް ފޮނުވައިލުމަކީ އެކަން ހަޤީގަތުގައި އޮންނަންޖެހޭ ގޮތެއް ނޫން، ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގެ 200 ވަނަ މާއްދާގެ (ރ) ގައި އޮންނަނީ ދެ ގޮތެއް ހެދުމަށް ކޮމެޓީއަކަށް ނިންމިދާނެ ކަމަށެވެ. އެއް ވަނަ ގޮތަކީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމުން ކަމަށެވެ. ދެވަނަ ގޮތަކީ ރުހުން ދިނުމަށް ނުފެންނަ ކަމަށް ނިންމުން ކަމަށެވެ. ކޮމެޓީގެ ރިޕޯޓުގައި މިއިން ކޮންމެވެސް ގޮތަކަށް ނިންމި ނިންމުން ސާފުވާން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަތީ ކޮމެޓިގެ ފަރާތުން ރުހުން ދިނުމަށް ނުވަތަ ރުހުން ދިނުމަށް ނުފެންނަކަމަށް ނެތުމުން ކަމަށެވެ.
މިހެން ވިދާޅުވުމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ވިދާޅުވީ އެ މާއްދާގައި އޮންނަނީ ވަކިގޮތަކަށް ޢަމަލު ކުރުމަށް ޤާނޫނެއްގައި ބަޔާންކޮށްފައި ނުވާ ޙާލަތްތަކުގައި ރުހުން ދިނުމަށް އަމަލުކުރާނެ ގޮތް ކަމުގައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައި ފަނޑިޔާރުން ނެގުމުގައި އަމަލުކުރާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އެހެން ކަމުން އެއަކަށް ޖުޑިޝިއަރީ ކޮމެޓީން ގޮތެއް ނިންމި ދާނެ ކަމަށް ނުފެންނަ ކަމަށް ވިދާޅުވިއެވެ.
ގިނަ މެމްބަރުންގެ މެދުގައި މިކަމާއި ގުޅިގެން ބަހުޘެއް އުފެދުމާއެކު ރައީސް ނަޝީދު ވިދާޅުވީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ އަލުން އެޖެންޑާ ކުރެވިގެންދާނެ ކަމަށެވެ. އެ ދެބޭފުޅުންގެ ނަންފުޅު މަޖިލީހުގެ ތަޅުމުގައި އިއްވާފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.